ކުޅިވަރު

ކޯޗު ސުޒޭންއާއެކު ގްރީންގެ ޕްރެކްޓިސް ފަށައިފި


ގްރީން ސްޓްރީޓްސްއަކީ ތަށި ހޯދޭވަރުގެ ޓީމަކަށް ހެދުމުގެ އަމާޒާއެކު ކޯޗު އަލީ ސުޒޭން ޓީމް ގޮވައިގެން ޕްރެކްޓިސް ފަށައިފިއެވެ.

 އިއްޔެ ޓީމްގެ ޕްރެކްޓިސް ފެށިއިރު ދިވެހި ކުޅުންތެރިންގެ ތެރެއިން ޕްރެކްޓިސްގައި ބައިވެރި ނުވާ މުޙިއްމު ކުޅުންތެރިއަކީ ތަޖުރިބާކާރު މިޑްފީލްޑަރ އަހުމަދު ނިޔާޒުއެވެ. ކޯޗު އަލީ ސުޒޭން ބުނީ އޭނާ ޓީމާ ހަވާލުވިއިރު ގްރީންސްޓްރީޓްސް އޮތީ އޭނާ މާޒިޔާއާއި ހަވާލުވިއިރުވެސް އޮތް ފަދަ ހާލަތެއްގައިކަމަށެވެ. އިތުރަށް ތަފްޞީލްދެމުން ސުޒޭން ބުނީ އޭނާ މާޒިޔާއާއި ހަވާލުވިއިރު، އިސްމާއީލް މަހުފޫޒު، އިންމަ އޮތީ ވަރަށް ރަނގަޅު މަސައްކަތްތަކެއްކޮށް ތަށި ހޯދޭ ފެންވަރަށް ޓީމް ގެންގޮސްފައިކަމަށެވެ. ހަމައެގޮތަށް ގްރީންއާ ހަވާލުވިއިރު ކޯޗު ޞޮބާހު މުޙައްމަދުވެސް އޮތީ ވަރަށް ރަނގަޅު މަސައްކަތްތަކެއްކޮށްފައިކަމަށެވެ. 

ސުޒޭން ބުނީ ތަށި ހޯދަން އަމާޒުކޮށްގެން ނޫން ގޮތަކަށް އޭނާ ޓީމަކާ ހަވާލުނުވާކަމަށާއި، އޭނާ ގްރީންގައި ދެއަހަރެއްވަރު ހޭދަކޮށްފައި ދާއިރު ގްރީން ސްޓްރީޓްސް ވާނީ ތަށި ހޯދާ ޓީމަކަށްކަމަށެވެ. ކުރިއަށް އޮތް ސީޒަންގައިވެސް މަސައްކަތް ކުރާނީ ތަށި ހޯދަން ކަމަށާއި، ގްރީންގައި މިހާރު އޮތް ޓީމަކީ ކުޅުންތެރިން ނެތިގެން ތަށި ނުހޯދޭވަރުގެ ޓީމެއް ނޫންކަމަށެވެ. ނަމަވެސް މިސީޒަންގައި ކްލަބްގެ ސީދާ ޓާގެޓް ސީޒަން ފެށުމުގެ ކުރިން ހާމަކުރާނެކަމަށެވެ.

img:http://s2.psmnews.mv/images/660x400/15172850603059.jpg|ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން އިއްޔެ ޕްރެކްޓިސްގައި: ފޮޓޯ-ޕީއެސްއެމް

" ކުޅުންތެރިން ނެތިގެން ތަށި ނުހޯދޭވަރުގެ ޓީމެއް ނޫން އޮތީކީ. މާލޭ ލީގުގައިވެސް މަސައްކަތް ކުރާނީ ޗެމްޕިއަންކަން ހޯދަން. ދެން ސީދާ ޓާގެޓް ސީޒަން ފެށުމުގެ ކުރިން ހާމަކުރާނަން " އިއްޔެ އޮތް ޕްރެކްޓިސްގެ ތެރެއިން ސުޒޭން ބުންޏެވެ.

ގްރީން ސްޓްރީޓްސްއާއި މިއަހަރު ގުޅުނު އެންމެ މުޙިއްމު ކުޅުންތެރިއަކީ ޤައުމީ ޓީމްގެ މިޑްފީލްޑަރ އަސްއަދު އަލީއެވެ. މީގެއިތުރުން ސަމްދޫހު މުޙައްމަދާއި، އަހުމަދު ނިޔާޒުފަދަ ތަޖުރިބާކާރު ކުޅުންތެރިންނާއެކު ޒުވާން ކުޅުންތެރިންތަކެއްވެސް ވަނީ އެޓީމާ ގުޅިފައެވެ. ޓީމަށް ގެންނަ ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރޭގައި ޔުކްރެއިންގެ ތިން ކުޅުންތެރިން ހިމެނޭކަމަށް މައުލޫމާތުލިބެއެވެ. އެކުޅުންތެރިން ދެދުވަހެއްގެ ތެރޭގައި ޓީމާ ގުޅޭނެކަމަށް ކްލަބުން މައުލޫމާތުދެއެވެ.