ޚަބަރު

ހުކުރުއުފާގެ މިހަފްތާގެ ހަރަކާތްތައް ހުޅުމާލޭ ސެންޓްރަލް ޕާކުގައި


އިސްލާމިކް މިނިސްޓްރީއާއި ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމް ގުޅިގެން ކޮންމެ ހުކުރު ދުވަހަކު ބާއްވާ ހުކުރު އުފާ ފެސްޓިވަލް މިއަދާއި މިރޭވެސް އޮންނާނެއެވެ. މިހަފްތާގެ ހުކުރު އުފާގެ ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާރކްގައެވެ.

މިފެސްޓިވަލްގައި މިއަދު ހަވީރު ހަތަރަކުން އިރު އޮއްސި ހަޔަކަށް ކުޑަކުދިންނަށް ޚާއްޞަ ގިނަ ހަރަކާތްތަކެއް ކުރިޔަށްދާނެއެވެ. މިހަފްތާގެ މި ފެސްޓިވަލްގައިވެސް ދީނީ ފޮތްތަކާއި މުސްޙަފު ބެހުން ކުރިއަށްދާނެއެވެ. މީގެ އިތުރުން ތަފާތު ސްޓޯލްތަކުން ދީނީ މަޢުލޫމާތު ހިމެނޭ ފޮތްތައް ވިއްކުމާއި، ކުޑަކުދިންނަށާއި ބޮޑެތި މީހުނަށް ދީނީ މަޢުލޫމާތު ދިނުންވެސް ކުރިއަށްދާނެއެވެ. ހުކުރު އުފާގެ މިހަފްތާގެ ހަވީރުގެ ދަންފަޅީގެ ސްޓޭޖް ހަރަކާތްތަކުގައި ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްއާއި، ރެހެންދީ ސްކޫލްއިން ބައިވެރިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ހުކުރު އުފާގެ މިރޭގެ ދަންފަޅީގައި ކުރިއަށްދާ ދަރުސްގެ މަޢުލޫއަކީ "ހިތުގެ ބަލިތައް" މިި މަޢުލޫއަށް މިރޭ ދަރުސްދެއްވާނީ އައްޝައިޚް ނަސްރުﷲ އަލީއެވެ. މި ހަރަކާތްވެސް މިރޭ ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާރކްގައެވެ.

ދެ ދަންފަޅިއަށް ކުރިއަށް ގެންދާ ހުކުރު އުފާ އިސްލާމީ ފެސްޓިވަލަކީ އިސްލާމީ ވެށްޓެއްގައި މުނިފޫހިފިލުވުމާއި މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހު ޕީއެސްއެމްއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ޙަރަކާތެކެވެ.