ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ކްލިއަރަންސް ހޯދުމަށް ހުށަހަޅާ ލިޔުންތަކުގައި ދޮގު މަޢުލޫމާތު ހިމެނޭ ނަމަ ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ޤާނޫނީ ގޮތުން ފިޔަވަޅު އަޅަން ފަށާނީ އޭޕްރީލްމަހުގެ 30 ވަނަ ދުވަހުން ފެށިގެންކަމަށެވެ. ކާބޯތަކެތީގެ ކްލިއަރަންސް ހޯދުމަށް އިލެކްޓްރޯނިކް މެއިލް މެދުވެރިކޮށް ލިޔުމެއް ހުށަހަޅާނަމަ، ހުށަހަޅާ ލިޔުމަކީ ތަރުޖަމާކުރި ފަރާތުގެ އޮފިޝަލް ޑޮމެއިނަކުން ފޮނުވައިފައިވާ ލިޔުމަކަށްވާންޖެހޭނެކަމަށާއި އިލެކްޓްރޯނިކް މެއިލް މެދުވެރިކޮށް ހުށަހަޅާ ލިޔުމަކީ ވެސް ތައްގަނޑު ޖެހި ސޮއި ކުރެވިފައިވާ ލިޔުމަކަށްވާންޖެހޭނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އަދި މިޤަވާއިދާއި އުޞޫލުތަކާއި ޚިލާފުވެގެން ހިފަހައްޓާ ކާބޯތަކެތިން، މިތަކެތި އިންޕޯޓުކުރާ ފަރާތްތަކަށް ލިބޭ މާލީ ނުވަތަ އެނޫންވެސް ގެއްލުމަކަށް ޒިންމާ ނުވާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
ރާއްޖެއަށް އިންޕޯޓުކުރާ ގިނަ ޢަދަދެއްގެ ކާބޯތަކެތި، ބޯޑާރގައި ފާސްކުރާއިރު ލޭބަލް ފުރިހަމަކޮށްފައި ނުވާތީ އާއި ވެޓަނަރީ ނުވަތަ ހެލްތު ސެޓްފިކެޓް ހުށަނާޅާތީ ހެލްތު ކްލިއަރަންސް ދިނުމުގައި ދަތިތަކެއް ކުރިމަތިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެލްތު ސެޓްފިކެޓް ހުށަހެޅުމަށް ކަނޑައަޅާފައިވާ ކާބޯތަކެތީގެ ތެރެއިން ހެލްތް ސެޓްފިކެޓް ނެތިގެން ހިފަހައްޓާފައިވާ ކާބޯތަކެއްޗަށް ހެލްތު ކްލިއަރަންސް ދޫކުރެވޭނީ ޞައްޙަ އޮރިޖިނަލް ވެޓެރިނަރީ ނުވަތަ ހެލްތު ސެޓްފިކެޓް ހުށަހެޅުމުންނެވެ.
ހެލްތް މިނިސްޓްރީން ބުނީ ކާބޯތަކެތި ލޭބަލްކުރުމުގައި ދިވެހި ނުވަތަ އިނގިރޭސި ބަހުން ލޭބަލް ކޮށްފައި ނެތުމުން ހިފަހައްޓާ ކާބޯތަކެތީގެ ލޭބަލްގައި "ބަންދުކޮށްފައިވާ ކާބޯތަކެތި ލޭބަލް ކުރުމުގެ ޤައުމީ މިންގަނޑު" އިން ލާޒިމްކުރާ ހުރިހާ ބައިތަކެއް ފުރިހަމަ ކަމަށް ހުށަހަޅާފައިވާނަމަ އެ ލޭބަލެއް ދިވެހި ނުވަތަ އިނގިރޭސި ބަހަށް ތަރުޖަމާކުރަން ޖެހޭނެކަމަށެވެ. އަދި އެތަރުޖަމާ ޞައްޙަތޯބަލައި އެއާއި އެއްގޮތަށް ލޭބަލް ކުރުމަށްފަހު ހެލްތު ކްލިއަރަންސް ދޭނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ތަރުޖަމާގެ ގޮތުގައި ބަލައިގަންނާނެ ފަރާތްތަކަކީ މުދާ އެކްސްޕޯރޓްކުރި ފަރާތާއި މުދާ އުފެއްދިފަރާތް ،އަދި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ލޯ ފާރމްތަކުންނެވެ.
ހެލްތް މިނިސްޓްރީން ބުނީ ކާބޯތަކެތި ލޭބަލްގައި ފުރިހަމަނުކޮށް ހުރެގެން ހިފަހައްޓާ ތަކެއްޗާއިމެދު ޢަމަލު ކުރާނީ ނައްތާލާ ތަކެއްޗާއިމެދު ޢަމަލުކުރާ އުސޫލުންކަމަށެވެ. ނަމަވެސް އިންޕޯޓްކުރާ ފަރާތްތަކުން ބޭނުންވާނަމަ މިތަކެތި އިންޕޯޓްކުރި ޤައުމަށް އަބުރާ ފޮނުވާލުމުގެ ފުރުސަތު ދެވޭނެކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.