ގެދޮރުގެ ދަތިކަންހުރި އާންމުރައްޔިތުންނަށް ހިޔާވަހިކަން ފަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި އެމްއެމްއޭއިން ފަށާފައިވާ" ގެދޮރު އަގުހެޔޮ ކުރުމުގެ ލޯން ސްކީމްގެ ދެވަނަ ބުރު ފަށައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ބުނީ، މިފަހަރުގެ ލޯން ސްކީމްގައިވެސް ދޫކުރާނެ އެންމެ ބޮޑު އަދަދަކީ 2.2 މިލިއަން ރުފިޔާއެވެ. ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަކީ 25 އަހަރެވެ.
ލޯން ސްކީމްގެ އިންޓަރެސްޓް ރޭޓް ކަނޑައަޅާފައިވަނީ، ލޯނު ނެގުމަށް ދައްކާ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީއަށް ބަލާފައެވެ.
ޑައުންޕޭމަންޓަކީ %20 މަތީ އަދަދެއްނަމަ އިންޓަރެސްޓް ރޭޓަކީ %5 އެވެ.
ޑައުންޕޭމަންޓަކީ %10 އާއި %20 ދެމެދު އަދަދެއްނަމަ އިންޓަރެސްޓް ރޭޓަކީ %5.5 އެވެ.
ޑައުންޕޭމަންޓަކީ %5 އާއި %10 ދެމެދުގެ އަދަދެއްނަމަ އިންޓަރެސްޓް ރޭޓަކީ %6 އެވެ.
އެމްއެމްއޭއިން ބުނީ، ގެދޮރު އަގުހެޔޮ ކުރުމުގެ ލޯން ސްކީމްގެ ލޯނު ދޫކުރަމުންދާނީ، ރާއްޖޭގެ ވިޔަފާރި ބޭންކުތަކުން ކަމަށެވެ.
މި ލޯނު ސްކީމުން ފުރަތަމަ އިސްކަން ދޭނީ މާލޭގައި ތަރައްޤީކޮށް ނިމިފައިހުރި ގާކޮށި، އަދި އަރަބިއްޔާ ފްލެޓްތައް ލިބިފައިހުރި ފަރާތްތަކަށްކަމަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
އެމްއެމްއޭގެ މި ސްކީމުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ، 2.2 މިލިއަން ރުފިޔާއަށްވުރެ ދަށް އަގެއްގައި ވިއްކުމަށް ނިންމާ ފްލެޓް ގަތުމަށާއި، އަމިއްލަ ދިރިއުޅުމަށް މިއަގުގައި އަމިއްލަ ގެދޮރު އިމާރާތްކުރުމަށެވެ.
އެމްއެމްއޭއިން ވަނީ ކުރިއަށްއޮތްތަނުގައި ބޭންކްތަކުން ދޫކުރާ ލޯނުތަކުގެ ޖުމްލަ ފައިސާގެ ތެރެއިން މަދުވެގެން %10 ގެދޮރުގެ ދަތިކަން ހުރި ފަރާތްތަކަށް ޚާއްޞަކުރުމަށް ބޭންކްތަކަށް އަންގާފައެވެ. ނަމަވެސް މިކަމަށް އަދި ވަގުތު ބޭނުންވާނޭކަމަށް އެމްއެމްއޭއިން ބުނެއެވެ.