ހުޅުމާލެ ސެންޓްރަލް ޕާރކުގަ ތަރައްޤީކުރާ ރެކްރިއޭޝަނަލް އޭރިއާ މިއަހަރުގެ މެދުތެރޭގައި ޢާއްމުންނަށް ހުޅުވާލާނެކަމަށް ހައުސިން ޑިވެލްޕްމެންޓް ކޯޕަރޭޝަން އެޗް.ޑީ.ސީން ބުނެފިއެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާރކަކީ ތަފާތު ކޮންސެޕްޓްތައް ހިމަނައިގެން ހަތަރު ފިޔަވައްސަކަށް ބަހަލާއިގެން ތަރައްޤީކުރާ ތަނެކެވެ. 8 ހެކްޓަރުގެ ބިން ސެންޓްރަލް ޕާކްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާއިރު، މިހާރު މަސައްކަތް ނިންމާ އާންމުން އެތަންތަނުން ޚިދުމަތް ހޯދަމުންދާ ތަންތަނަކީ ލެޝަރ އޭރިއާ ނުވަތަ މީހުން ހިތްހަމަޖައްސާލަން މަޑުކޮށްލާ ހިތްގައިމު ޕާރކާއި އައުޓްޑޯ ޖިމްއެވެ. މި ދެތަނަކީވެސް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ޚާއްސަކޮށްގެން ތަރައްޤީކޮށްފައިވާ ތަންތަނެވެ.
މިއަހަރުގެ ތެރޭގައި ހުޅުވާ ރެކްރިއޭޝަނަލް ޒޯންގެ މައުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާ ކުރައްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައިމަން ވިދާޅުވީ މި ޒޯންގެ މަސައްކަތް ނުނިމި ލަސްވީ އެ މަސައްކަތުގެ ޕްލޭނަށް ބަދަލުތަކެއް ގެނައުމުގެ ސަބަބުންކަމަށެވެ. އަދި އެ ޕްލޭނަށް ބަދަލުތައް ގެނެސް މިހާރު ރެކްރިއޭޝަނަލް ޒޯންގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުންދާކަމަށްވެސް ސައިމަން ވިދާޅުވިއެވެ. ތަފާތުގޮތަކަށް ތަރައްޤީކުރާ ރެކްރިއޭޝަނަލް ޒޯންގެ މަސައްކަތް މިއަހަރު ނިންމާ އަހަރުގެ މެދުތެރޭގައި ޚިދުމަތްދޭން ފަށާނެކަމަށް ސައިމަން ވިދާޅުވިއެވެ.
"ރެކްރިއޭޝަނަލް އޭރިއާއިން ބައިސިކަލް ބަންޕިންނާއި، ސްކޭޓް ޕާކްފަދަ ކަންކަން މި އޭރިއާއިން ލިބޭނެ. އަދި ސްޕޯޓްސްއާ ގުޅުންހުރި އެޑްވެންޗަރަސް ހަރަކާތްތައްވެސް ލިބޭނެ" ސައިމަން ވިދާޅުވިއެވެ.
2016ވަނަ އަހަރު ހުޅުވި ސެންޓްރަލް ޕާރކަކި ޒަމާނީ ސިޓީއެއްގައި ފެންނަމުންދާފަދަ ޕާރކެކެވެ. މި ޕާރކުގައި ތުއްތުކުދިން ގަޔާވާނެ ފަދަ ގޮތަކަށް ފަރުމާކޮށްގެން ފެންއަރުވާ ވަޑާން ނުވަތަ ފައުންޓެން ޒޯނެއް ތަރައްޤީކުރުމަށްވެސް އެޗް.ޑީސީއިން ވަނީ ނިންމާފައެވެ. މި ޕާރކުގެ 4 ވަނަ ޒޯން ތަރައްޤީކުރުމަށް ނިންމާފައިވަނީ ލެޑްގާޑަނެއްގެ ގޮތުގައެވެ. މި ލެޑްގާޑެން ނިމުމާއެކު، ޕާރކަށް އިތުރު ރީތިކަމާއި ފުރިހަމަކަން ލިބިގެންދާނެކަމަށް އެޗްޑީސީއިން ބުނެއެވެ.