ޓުއަރިޒަމް

ދިވެހިރާއްޖޭގެ މަސްރަހު އޮތީ އަމާންކޮށް- ކޮންޑެނާސްޓް


ދިވެހިރާއްޖެއަށް ދަތުރުކުރުމަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓްރެވަލް މެގަޒިން، ކޮންޑެނާސްޓް ޓްރެވަލަރއިން ހާމަކޮށްފިއެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ސަތޭކަ ހާސް ބަޔަކު ކިޔާ ކޮންޑެނާސްޓް ޓްރެވަލަރ މަޖައްލާއަކީ ޗުއްޓީ ހޭދަކޮށްލުމަށް ދަތުރުކުރާނެ މަންޒިލްތަކާބެހޭ އެންމެ ތެދު މަޢުލޫމާތު ޢާއްމުކުރާ އެއް މެގަޒިންއެވެ.

ރާއްޖެއަށް ދަތުރުކުރުމާ ގުޅޭގޮތުން ކޮންޑެނާސްޓް ޓްރެވަލަރއިން އިއްޔެ ޝާއިޢުކުރި ލިޔުމުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރު އިސްތިއުފާދެއްވި ފަހުން، ދޭތެރެ ދޭތެރެއިން ވެރިރަށް މާލޭގައި މުޒާހަރާތައް ބާއްވާންކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެއީ އެތައް ރަށެއް ހިމެނޭ ރާއްޖޭގެ އެންމެ ރަށެއްގައި ހިނގާ ކަންކަމަށްވާއިރު، ފަތުރުވެރިންނަށް އެކަމުގެ އަސަރު ކުރުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނޭކަމަށް އެމެގަޒިންގައި ފާހަގަކޮށްފައިވެއެވެ.

ކޮންޑެނާސްޓް ޓްރެވަލަރއިން ބުނާގޮތުން، ރާއްޖޭގައި ރިސޯޓް ހިންގާ ފޯރ ސީޒަންސް ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުންވެސް ރާއްޖޭގައި އެއްވެސް ނުރައްކަލެއް ނެތްކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން މާލެތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާކަމަށާއި އެއަރޕޯޓުތަކުގެ އޮޕަރޭޝަންތައްވެސް ބަރާބަރަށް ކުރިއަށްދާކަމަށް މެގަޒިންގައި ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ، ލިނާރާ ޓްރެވަލްސްގެ ޓްރެވަލް ސްޕެޝަލިސްޓް، ލިންޑްސޭ ވެލަސް، ކޮންޑެނާސްޓް މަޖައްލާއަށް ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ ރާއްޖެއަށް ދަތުރުކުރުން ހުއްޓާލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި ރިސޯޓްތަކުގައި މުޒާހަރާތައް ނުބާއްވާއިރު، މާލޭގައި ހިނގާ ކަމަކާ ގުޅިގެން ރިސޯޓްތަކަށް ފަތުރުވެރިން ޒިޔާރަތްކުރުން ހުއްޓާލާނޭކަމަށް ޤަބޫލުނުކުރާކަމަށްވެސް ލިންޑްސޭ ބުންޏެވެ.

ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ބައެއް ޤައުމުތަކުން އަންގާފައިވީނަމަވެސް، އެއީ ހަރުކަށި އެންގުންތަކެއް ނޫންކަމަށް ކޮންޑެނާސްޓް ޓްރެވަލަރ މެގަޒިންގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން އިނގިރޭސިވިލާތުން ނެރުނު ބަޔާނުގައިވެސް ރާއްޖޭގެ ރިސޯޓްތަކާއި އެއަރޕޯޓްތަކުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާކަން ފާހަގަކޮށްފައިވެއެވެ. އަދި އެމެރިކާއިންވެސް ނެރުނީ އާދައިގެ ޓްރެވަލް އެޑްވައިޒަރީއެއްކަން ކޮންޑެނާސްޓް އިން ފާހަގަކުރެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ހާސް ބަޔަކު ކިޔާ ކޮންޑެނާސްޓް ޓްރެވަލަރ މެގަޒިންއަކީ ދުނިޔޭގައި ނެރޭ އެންމެ މަޝްހޫރު އެއް ޓްރެވަލް މެގަޒިންއެވެ. އެމެރިކާ ސަރުކާރުން ދޭ 25 އެވޯޑެއް މެގަޒިންއަށް ލިބިފައިވެއެވެ. ޗުއްޓީ ހޭދަކުރުމަށް މަންޒިލެއް އިޚްތިޔާރުކުރުމުގައި ފަތުރުވެރިން ކޮންޑެނާސް ޓްރެވަލް މެގަޒިންއަށް ވަރަށް ބޮޑަށް ބަރޯސާވެއެވެ.