ރާއްޖެ ޓީވީ ބްރޯޑްކާސްޓްކުރުން އެ ސްޓޭޝަނުން އަމިއްލައަށް ހުއްޓާލީ، ގޯހެއް ހެދުނުކަން އަމިއްލައަށް ޤާބޫލުކުރެވޭތީކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ސަރުކާރުން ރާއްޖެޓީވީގެ ޚިދުމަތް ދިނުން ހުއްޓާލުމަށް ބޭނުންނުވާ ކަމަށް. އެހެން ނަމަވެސް އެ ސްޓޭޝަނުން ޚިދުމަތް ދިނުން އަމިއްލައަށް ހުއްޓާލީ ސަރުކާރުން ކުރިކަމެއް ކަމަށް ދައްކާ ސަރުކާރު ބަދުނާމުކުރުމުގެ މަޤްޞަދުގައި ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ، މިސަރުކާރަކީ އެއްވެސް ހާލެއްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާނެ ސަރުކާރެއް ނޫން ކަމަށެވެ.
"މިކަމެއް މިކުރީ އަމިއްލައަށް ބިރު ހީވެގެން، ރާއްޖެޓީވީ ސަރުކާރުން ބަންދުކުރާނަމަ މިއަދަކު ނޫން ބަންދުކުރާނީ، އެޓީވީ ފެށުނީއްސުރެ މިއަދާ ހަމައަށް މިދަނީ ޤައުމުގެ މިނިވަން ކަމަށް ބުރޫއަރާ ކަހަލަ އެއްބައިވަންތަކަށް ގެއްލޭ ކަހަލަ ވާހަކަތަކާއި ފޮޓޯތައް ދައްކަމުން." ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް ވިދާޅުވިއެވެ.
އަބްދުއްރަޙީމް ވިދާޅުވީ، މިއަދު އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގެ އެއްވެސް ބުރަދަނެއް ނެތް ކަމަށް.
ޕީޕީއެމްގެ ސްޕޯކްސް ޕާސަން ޢަލީ ޢާރިފް ވިދާޅުވީ، ރާއްޖެއަށް ބޭރުގެ ސިފައިން އައުމަށް ކުރިން ރާއްޖޭގައި ވެރިކަންކުރި ފަރާތަކުން ގޮވާލުމަކީ މިޤައުމުގެ މިނިވަންކަމާ އިސްތިޤުލާލަށް ގެއްލުން ދިނުމަށް ގޮވާލި ގޮވާލުމެއް ކަމަށެވެ. އަދި އެކަމާ އެއްކޮޅަށް ވާހަކަ ދެއްކި ގިނަ ބަޔަކު މިއަދު އެކަމުން ރެކެން މަސައްކަތްކުރަމުންދާ މަންޒަރު ފެންނަމުންދާކަމަށެވެ.
"އަޅުގަނޑުމެންނަށް މިއަދު މިއިވެނީ ޤަސިމް އިބްރާހިމްވެސް ބުނާ އަޑު އަޅުގަނޑާ މަޝްވަރާކޮށްގެން ކުރިއަށްދާ ކަމެއް ނޫނޭ، އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އިދިކޮޅު ފަރާތުގައި ތިއްބެވި މީހުންނަކީ އެއްވެސް ވަރަށް އެއްބައިވަންތަކަމެއް ނެތް ބައެއްގެ ގޮތުގައި." ޢަލީ ޢާރިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ސަރުކާރާ ޚިޔާލުތަފާތުވި ނަމަވެސް، މިޤައުމަށް ބޭރުގެ ސިފައިން އެރުމަށް ގޮވާލުމަކީ ދީނާއި ޤައުމަށް ޚިޔާނަތްތެރިވުން ކަމަށެވެ.