މިއަހަރުގެ ޔޫތު ޗެލެންޖު ކާމިޔާބުކަމާއެކު ނިމިފައިވާއިރު، މިފަހަރުގެ މިފެއަރ ވެގެންދިޔއީ އެތައް ގޮތަކުން ފާހަގަކޮށްލެވޭ ފެއާއަކަށެވެ. އެގޮތުން މި ޔޫތު ޗެލެންޖު ވެގެން ގޮސްފައިވަނީ މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް ސްޓޯލްތައް ބައިވެރިކުރި އަދި އެންމެ ގިނަ ޢަދަދަކަށް ޒުވާނުން ޒިޔާރަތްކުރި ޔޫތް ޗެލެންޖަށެވެ.
ޒުވާނުންގެ ފަންނުވެރިކަމާއި ހުނަރު ދައްކާލުމުގެ އިތުރުން ޒުވާނުންނަށްހުރި މަތީ ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ދިނުމަށް ކޮންމެ އަހަރަކުވެސް ބާއްވާމުން އަންނަ ޔޫތު ޗެލެންޖަކީ ޒުވާނުންނަށް އެތައް ފުރުސަތުތަކެއް ލިބިގެންދާ ޚާއްސަ ހަރަކާތެކެވެ. އެގޮތުން މިއަހަރު ކުރިއަށްގެންދިޔަ ޔޫތު ޗެލެންޖަކީވެސް ފާހަގަކޮށްލެވޭ ފެއަރއެކެވެ. ޚާއްސަގޮތެއްގައި ފާހަގަކޮށްލަން ޖެހެނީ މިފަހަރުގެ ފެއަރ އަށް ގިނަ ޢަދަދަކަށް ޒުވާނުން ޒިޔާރަތްކޮށް ފެއަރގެ އެކި ކަންކަމުގައި ބައިވެރިވިކަމެވެ.
ތިން ދުވަހުގެ މުއްދަތަށް ދަރުބާރުގޭގައި ކުރިއަށްގެންދިޔަ "ޔޫތު ޗެލެންޖް 2018"ގައި ޒުވާނުންނާ ގުޅޭ ތަފާތު އެކި ދާއިރާތަކުން 88 ސްޓޯލް ބައިވެރިކޮށްފައިވެއެވެ. މި އަހަރުގެ ޔޫތް ޗެލެންޖަށް ޖުމްލަ 8000 އަށް ވުރެ ގިނަ ޒުވާނުން ޒިޔާރަތްކޮށްފައިވާކަމަށް ޔޫތު މިނިސްޓްރީން ހާމަކުރެއެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ޒުވާނުންނަށް އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ލިބިގެންދާކަން ފާހަގަކުރައްވަމުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނާއިފް ޝައުކަތު ވިދާޅުވީ މިއީ ޒުވާނުންނަށް ވަޒީފާއާއި ތަފާތު އެކި ފަންނުތަކުން ހުނަރު ދައްކާލުމުގެ ފުރުސަތު އެއްފުރާޅެއްގެ ދަށުން ފުޅާ ދާއިރާއެއްގައި ލިބިގެންދާ މުހިންމު ފެއަރއެއް ކަމަށެވެ.
"މިވަގުތު ޤައުމުގެ ޙާލަތު އޮތް ގޮތަށް ބެލިނަމަވެސް މިއީ ވަރަށް ކާމިޔާބު ޔޫތު ޗެލެންޖެއް. ހުރިހާ ޢުމުރަކުންވެސް ގިނަ އަދަދެއްގެ ބޭފުޅުން ޒިޔާރަތްކުރި. ހީނުކުރާ ވަރުގެ ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފި. މިކަމުން އެނގިގެން އެބަދޭ ޒުވާނުން ސަރުކާރު ބަލައިގެންފައިވާ މިންވަރު،" ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނާއިފް ޝައުކަތު ވިދާޅުވިއެވެ.
މިފަހަރުގެ ޔޫތް ޗެލެންޖްގެ ސްޓޯލްތަކުގެ ތެރޭގައި ފަތުރުވެރިކަމާގުޅޭ 32 ސްޓޯލް ހިމެނޭއިރު، ސަރުކާރާއި އަމިއްލަ ބޮޑެތި ކުންފުނިތަކާއި، ޔުނިވާސިޓީތަކާއި ކޮލެޖްތަކާއި ޓްރެއިނިން އިންސްޓިޓިއުޓަކުގެ އިތުރުން ސިނަމާތަކާއި، ފެޝަން ބްރޭންޑްތަކާއި، ޑައިވިން ސްކޫލްތަކާއި، އާރޓިސްޓުންނާއި، ބޮޑެތި ހޮޓެލްތަކާއި، ޓީވީ ސްޓޭޝަންތަކާއި ހޮސްޕިޓަލްތަކާއި ސަރުކާރުގެ ވުޒާރާތަކުންވެސް ސްޓޯލްތައް ބައިވެރިކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ޔޫތް ޗެލެންޖަކީ ޒުވާނުންނަށް ހުރި ފުރުޞަތުތަކާއި، ޒުވާނުންނަށް ހުރި ތައުލީމާއި ތަމްރީންތަކުގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް ހުރި ފުރުޞަތުތައް ދައްކާލާ، ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ލިބިގެންދާފަހި ފުރުޞަތެކެވެ.