މިއަދު އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ހަނގުރާމައަކީ ދިވެހި ދަޢުލަތާއި، ދިވެހިންގެ ވިސްނުމާއި ފިކުރާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެއް ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން ދަނީ ޤާނޫނު އަސާސީގެ ޙުދޫދުން ބޭރުން މި ސަރުކާރަށް ނުފޫޒު ފޯރުވަމުން ކަމަށެވެ.
ރާއްޖެއަށް ބޭރު ޤައުމެއްގެ ސިފައިން އައުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލި ގޮވާލުމަށް ރައްދު ދެއްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، އެފަދަ ގޮތަކަށް މިޤައުމުގެ ހަމަޖެހުން ނަގާލުމަށް ކުލީ ސިފައިން މިޤައުމަށް އައުމަށް ގޮވާލުމަކީ މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި އުންމަތާ ދެކޮޅަށް ހަނގުރާމަކުރުމަށް ގޮވާލާ ގޮވާލުމެއް ކަމަށެވެ. އަދި އެގޮތަށް ކުރާ ހަނގުރާމައަކަށް މި މުޖުތަމަޢުން ޖާގައެއް ނުދޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑަށް ޔަޤީން ދިވެހި ޤައުމާއި އިސްލާމް ދީން ދެކެ ލޯބިވާ އެއްވެސް މީހެއް މިކަމަށް ފުރުސަތު ނުދޭނެކަން. އެހެންވީމަ ދިވެހި އާންމު ރައްޔިތުން މީގެ ތެރޭގައި ޝާމިލްވެ އަމިއްލަ އެދުން ހާސިލްކުރުމަށް ބަޔަކު ކުރާ މަސައްކަތުގައި ބައިވެރިނުވާންވީ. އެފަރާތްތަކަށް އެޖާގަ ނުދޭންވީ،" ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
އިދިކޮޅު ލީޑަރޝިޕް ފެއިލްވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެފަރާތްތަކުގެ ލީޑަރޝިޕްގެ ބޭފުޅުން އުޅެނީ ބޭރު ޤައުމުތަކުން ހިތް އުފާކޮށްލައި އަމިއްލަ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ކަމަށެވެ. އަދި އެކަމުން އެފަރާތްތަކުގެ ޕާޓިތަކުގެ އާންމު މެމްބަރުންނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމަށް މިނިސްޓާރ ވިދާޅުވިއެވެ.