މިމަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ ފަސްހާސް ތިރީސް ތިން ރުފިޔާ ހަތްދިހަ ލާރިކަމަށެވެ. މިއީ އޭގެ ކުރިން ހުރި ޢަދަދަށްވުރެ ގާތްގަނޑަކަށް ނުވަދިހަ ރުފިޔާގެ އިތުރު ޢަދަދެކެވެ.
މީގެ ކުރިން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ ހަތަރުހާސް ނުވަސަތޭކަ ސާޅީސް ހަތަރު ރުފިޔާ ސާޅިސް ފަސްލާރިއެވެ. މުދަލު ޒަކާތުގެ ނިޞާބު ވާޖިބުވާ މިންވަރު ކޮންމެ ހަމަހަކުން ރިވައިޒްކޮށް ބަދަލު ގެންނަން ޖެހޭ ހާލަތުގައި ބަދަލު ގެންނަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ ދޭއް ޕޮއިންޓް ފަހެއް އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބު. މުދަލު ޒަކާތް މިހާރު ބަލައިގަންނަމުން ގެންދަނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ.