ޚަބަރު

"ތަޙުޤީޤަށް އެއްބާރުލުން ނުދޭ މީހުންނާމެދު ދަޢުވާކުރާނަން"


ޤާނޫނީ ގޮތުން އުފެދިފައިވާ ވެރިކަމެއް ވައްޓާލުމަށް މަސައްކަތްކުރުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ބައެއް މީހުން ތަޙުޤީގަށް އެއްބާރުލުން ނުދޭ ކަމަށާ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ދަޢުވާ އެމީހުންގެ މައްޗަށް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާން ވިދާޅުވީ، ޤާނޫނީ ގޮތުން އުފެދިފައިވާ ދިވެހި ސަރުކާރު ޤާނޫނޫގެ ބޭރުން ވައްޓާލަން އުޅުމުގެ ތުހުމަތުގައި 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެ މީހުންނާގުޅޭ ގިނަ ހެކިތަކެއް ލިބެމުން ދާކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައިވާ ނަޖުމާ އިބްރާހިމްގެ ގެއިން ފެނުނު ކަޅުފޮށިން މި މައްސަލައާ ގުޅޭ ވަރަށް ގިނަ އެކި ކަހަލަ ހެއްކާއި ގަރީނާ ލިބިފައިވާކަމަށްވެސް ޝިފާން ވިދާޅުވިއެވެ. 

"ފުލުހުންގެ ތަހްޤީގަށް ހައްޔަރު ކޮށްފައިވާ ބައެއް މީހުން ތަހްޤީގަށް އެއްބާރުލުން ނުދޭ. އެމީހުންގެމައްޗަށް ފުލުހުންގެ ދައުރުއަދާކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ ވަރަށް އަވަހަށް ކުރާނެ. އަޅުގަނޑުމެން މިދަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މި މައްސަލަތައް ފޮނުވުމަށް ތައްޔާރުވަމުން." ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، ފުލުހުން ބެލި ބެލުމުން ރާއްޖޭގެ ބޮޑު ކުންފުންޏަކުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނާޖާއިޒް މަޤްސަދެއް ހިމެނޭގޮތަށް ދިންކަމަށް ތުހުމަތު ކުރެވޭ 2.4 މިލިއަން ޑޮލަރުގެ މަންފާލިބޭ އެއް ބޭފުޅަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކަމަށެވެ. 

"ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖެއިން ބޭރުން އަގުބޮޑެތި ޕްރޮޕަޓީސް ގަތުމާއި، އެތަންތަން ބަލަން ދަތުރުކޮށް، އެތަންތަނަށް ޒިޔާރަތްކޮށް މި ވިޔަފާރިތައް މިގޮތަށް ހިންގާކަމުގެ ކިތާބީ ހެކި އަޅުގަނޑުމެންނަށް ލިބިފައި ވަނީ." ޝިފާން ވިދާޅުވިއެވެ.

ދައުލަތް ހިންގުމަށް ގަސްތުގައި ހުރަސް އަޅައި، އަދި އެކަންކަން ކުރުމަށް ސްޕްރީމް ކޯޓުގެ އައިޓީ ވިއުގާ ހުއްޓުމަކަށް ގެނައުމުގެ މަސައްކަތްކޮށްފައި ވަނީ ސީދާ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ އަމުރުގެ ދަށުންކަމަށް ފުލުހުންވަނީ ތުހުމަތުކޮށްފައެވެ.