ޚަބަރު

ދިވެހި ކަނބަލުންނަށް ޚާއްސަ ލޯން ޕްރޮގްރާމެއް ތައާރަފްކޮށްފި


ދިވެހި ކަނބަލުންނަށް ޚާއްސަ ލޯން ޕްރޮގްރާމެއް ތައާރަފްކޮށް ބައިވެރިވުމުގެ ފުރުޞަތު އިކޮނަމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ މި ލޯނަކީ ރާއްޖޭގެ މަސައްކަތްތެރި އަދި މަސައްކަތެއް ފަށަން ބޭނުންވާ ކަނބަލުންނަށް ޚާއްޞަ ކޮށްގެން ހުޅުވާލާ ލޯން ސްކީމެއްކަމަށެވެ. އަލަށް ފަށާ ވިޔަފާރިއެއް ނުވަތަ ރަޖިސްޓްރީކޮށް ހިނގަމުން އަންނަ ވިޔަފާރިތަކަށް ހުރިހާ ދާއިރާއަކަށްވެސް މި ސްކީމްގައި ބައިވެރިވެނެކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ. މި ލޯން ސްކީމްގެ ޖުމުލަ އަދަދަކީ 20،046،000 (ވިހި މިލިޔަން ސާޅީސް ހަ ހާސް) ރުފިޔާއެވެ. މިނިސްޓްރީން ބުނީ މި އަދަދު ހަމަވަންދެން 50،000 (ފަންސާސް ހާސް ) ރުފިޔާއިން ފެށިގެން 100،000 (ސަތޭކާ ހާސް ) ރުފިޔާ އާއި ދެމެދު ލޯން ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ކަނބަލުންނަށް ޚާއްސަކޮށްގެން ދޫކުރާ މި ލޯނަށް އެދޭއިރު (50،000) ފަންސާސް ހާސް ރުފިޔާއަށްވުރެ ދަށްނަމަ ރަހުނެއްގެ ގޮތުގައި އެއްޗެއް ބަހައްޓާކަށް ނުޖެހެެއެވެ. (50،000) ފަންސާސް ހާސް ރުފިޔާއަށް ވުރެ މަތީ ލޯނަކަށް އެދޭނަމަ ލޯނަށް އެދޭ އަދަދުގެ ސަތޭކަ ތިރީސް އިންސައްތަ އަގުހުރި ރަހުނެއް  ބަހައްޓަންޖެހެއެވެ އަދި މި ރަހުނަކީ ބޭންކް އޮފް މޯލްޑިވްސް ޤަބޫލުކުރާ ރަހުނަކަށް ވާންޖެހޭނެކަމަށްވެސް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.

މި ލޯން ސްކީމްގައި އަމިއްލަ ފައިސާއިން ހަރަދުކުރަންޖެހެނީ މުޅި ޕްރޮޖެކްޓްގެ ފަނަރަ އިންސައްތައެވެ. މި ގޮތުން މިހާތަނަށް ޕްރޮޖެކްޓަށް އަމިއްލަ ފައިސާ ޚަރަދުކޮށްފައިވާނަމަ އަމިއްލައަށް ކޮށްފައިވާ ޚަރަދުތަކުގެ ބިލުތައް އިކޮނަމިކް މިނިސްޓްރީއަށް ހުށައަޅަން ޖެހެއެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ މި ލޯނުގެ އިންޓަރަސް ރޭޓަކީ ނުވަ އިންސައްތަކަމަށާއި ގިނަވެގެން އަށް އަހަރުދުވަހުގެ ތެރޭގައި ލޯން ދައްކާ ހަލާސް ކުރަންޖެހޭނެކަމަށެވެ.

މިމަހުގެ ފަންސަވީހުން އަންނަ މާޗްމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކަނބަލުންގެ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ލޯނަށް އެދޭ ފޯމް އިކޮނަމިކް މިނިސްޓްރީގެ އިތުރުން ހަ ރަށެއްގެ ބިޒްނަސް ސެންޓަރުތަކުން ބަލައިގަންނާނެކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ. އިކޮނަމިކް މިނިސްޓްރީން ބުނީ އެ މުއްދަތަށްފަހު ހުށައަޅާ ފޯމްތައް ބަލައި ނުގަންނާނެކަމަށެވެ. 

ކުޅުދުއްފުއްޓާއި ކުޑަހުވަދޫއާއި ފޮނަދޫއާއި ނައިފަރާއި ތިނަދޫގެ އިތުރުން ހިތާދޫގައި އިކޮނަމިކް މިނިސްޓްރީން ވަނީ ބިޒްނަސް ސެންޓަރުތައް ޤާއިމުކޮށްފައެވެ.