އޭއެފްސީ ޗެލެންޖް ކަޕުގެ ސެމީ ފައިނަލަށް ދެވިފައިވާއިރު ދެން ބޭނުންވަނީ މި މުބާރާތުގެ ފައިނަލުގައި އެއްކޮޅު ކުޅޭ ޓީމަކަށް ރާއްޖެ ހަދަންކަމަށް ރާއްޖޭގެ ކޯޗް ޑްރާގޯ މަމިޗް ބުނެފިއެވެ.
ފަލަސްތީނާ ރާއްޖެ ކުޅުނު މެޗް ގޯލެއް ނުޖެހި އެއްވަރުވުމުން ރާއްޖެ ސެމީޔަށް ދަތުރުކުރީ ގްރޫޕް އޭ އިން ހަތަރު ޕޮއިންޓް ހޯދައިގެން، ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ.
ކޯޗް ޑްރާގޯ މަމިޗް ބުނީ މެޗުން ނުކުތް ނަތީޖާއާ މެދު އޭނާ ހިތްހަމަޖެހޭކަމަށެވެ. ކޯޗް ބުނީ ސެމީޔަށް ދިއުން މީ އޭނަޔަށް ކުޅުންތެރިން ދިން ވަރަށް ބޮޑު ހަދިޔާއެއްކަމަށެވެ.
ކޮންމެ ބަޔަކާ ޖެހުނަސް ސެމީގެ މެޗް އުނދަގޫވާނެކަމަށްވެސް ކޯޗްވަނީ ބުނެފައެވެ.
ފަލަސްތީންގު ކޯޗް ޖަމާލް މަހުމޫދު ބުނީ މެޗުގެ ކުރިން ކުޅުންތެރިންނަށް އިރުޝާދުދިނީ އެއްވަރުކޮށްގެން ނުވަތަ މޮޅުވެގެންވިޔަސް ސެމީގެ ޖާގައެއް ހޯދަން ކަމަށެވެ. ޖަމާލް ބުނީ ސެމީގައި ކޮންމެ ބަޔަކާ ޖެހުނަސް ފަރުވާލެއް ނެތްކަމަށެވެ.
ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ފަލަސްތީނުގެ މުހިންމު ކުޅުންތެރިންތަކެއް ނުކުޅެއެވެ. ޖަމާލް ބުނީ ސެމީޔަށް ތައްޔާރުވުމުގެ ގޮތުން ކުޅުންތެރިންނަށް ރެސްޓް ދިނީކަމަށެވެ.
ޖަމާލް ބުނީ ސެމީގެ ކުރިން ޓީމަށް ތާއްޔާރުވާން ރަނގަޅު ވަގުތު ލިބޭކަމަށެވެ.