ތަޢުލީމު

ރެހެންދި ސްކޫލުން އަދަބީ އީދެއް ބާއްވައިފި


ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭ ރެހެންދި ސްކޫލުން ޚާއްސަ ހަވީރެއް ބާއްވައިފިއެވެ.

އަދަބީ ޢީދުގެ ނަމުގައި ކުރިއަށްގެންދިޔަ މި ޙަރަކާތުގެ މަޤްޞަދަކީ މިހާރު އެކުލަވާލާފައިވާ އާ މަންހަޖަށް ދަރިވަރުން އަހުލުވެރިކުރުވުންކަމަށް އެސްކޫލުން ބުނެއެވެ. މިދުވަސް ފާހަގަކުރުމަށް އެކި ގްރޭޑުތަކުން ސްޓޯލްތައް ހަދާފައިވާއިރު އިހުޒަމާނުގައި ދިވެހިން ލައިއުޅުނު ތަފާތު ވައްތަރުގެ ހެދުންތަކާއި ބަދިގެއާއި ގޭތެރޭގައި ހިފާގެންގުޅުނު ބައެއް ތަކެތިވެސް ނު ސްޓޯލްތަކުގައި ދައްކާލާފައިވެއެވެ. އަދި ޒަމާނުއްސުރެ ދިވެހިން ރައިވެރިކަން ކޮށްއުޅުނުގޮތާއި ބޭނުންކުރި ތަކެތިވެސް ބައެއް ސްޓޯލްތަކުގައި ދައްކާލާފައިވެއެވެ.

ރެހެންދި ސްކޫލުގެ ދިވެހި ޑިޕާޓްމަންޓުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި ގިނަ ޢަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ބައިވެރިވެފައިވެއެވެ. އެ ސްކޫލުގެ ދިވެހި ޑިޕާޓްމަންޓުގެ ފަރާތުން ވާހަކަދައްކަމުން އެޑިޕާޓްމަންޓުގެ މުދައްރިސް، ޙައްވާ ސިމާނާ ވިދާޅުވީ މިފަދަ އަދަބީ އީދެއްް ބޭއްވުމުގެ މަޤްޞަދަކީ ދަރިވަރުންނަށް އާ ކަންތައްތަކަކާއި މަޢުލޫމާތުތަކެއް ދަސްކޮށްދިނުންކަމަށެވެ.

"މި އަދަބީ ޢީދުގެ މަޤްޞަދަކީ އާ މަންޖަހުގައި ހިމެނޭ ބައިތަކަށް ދަރިވަރުން އަހުލުވެރިކުރުވާ، އަދަބީ ދުވަހެއްގައި ދަރިވަރުންނަށް ކުރިން ދިވެހިން ބޭނުންކޮށް އުޅުނު ބަސްތައް ދަސްކޮށްދިނުން. ޚާއްސަކޮށް ކުރީގައި ކޮށް އުޅުނު މަސައްކަތްތައް ދައްކާލުމާއި ބޭނުންކުރި ތަކެއްޗަށް ކިޔާ ނަންތައް ދަސްވެގެންދާނެ. ކުދިންނަށް ވާނީ މިކަމާ ގުޅޭ ގޮތުން ފިލްކުރަންޖެހޭ ޚާއްސަ ފޯމެއް ޙަވާލުކޮށްފައި. އޭގައި ހުންނާނެ މި އަދަބީ ޢިދުން ދަސްކުރަންޖެހޭ ކަންތައްތައް ހިމަނާފައި." ސިމާނާ ވިދާޅުވިއެވެ.

ރެހެންދި ސްކޫލްގެ އަދަބީ ޢީދުގައި ބައިވެރިވި އެސްކޫލްގެ ދަރިވަރުން ބުނީ މި ޙަރަކާތުން ގިނަ ކަންތައްތައްކެއް އެނގިގެން ދިޔަކަމަށެވެ.

ރެހެންދި ސްކޫލްގެ އަދަބީ ޢީދުގައި އެ ސްކޫލުގެ ގިނަ ޢަދަދެއްގެ ދަރިވަރުން ޘަގާފީ ހެދުމުގައި ބައިވެރިވިއިރު، މި ޙަރަކާތުގައި އެހެނިހެން ސްކޫލުތަކުގެ ދަރިވަރުންވެސް ބައިވެރިވެފައިވެއެވެ.

ބައިނަލްއަޤވާމީ މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށް މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސްކޫލުތަކުގައި ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.