ޚަބަރު

އެންއައިސީގެ މެމްބަރު ކަމަށް ހަޖެއްސުމަށް ސުލައިމާންގެ ނަން


ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް އަޙުމަދު ސުލައިމާން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްްޤައްޔޫމް ފޮނުއްވެވި ސިޓީފުޅުގައި ވަނީ އެންއައިސީއަށް ސުލައިމާން އައްޔަން ކުރުމާ މެދު މެމްބަރުންގެ މަޝްވަރާއަކަށް އެދިވަޑައިގެންފައެވެ. އަދި ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މ. ފޭމަންސް އިބްރާހިމް އުވައިސްގެ ނަން ދިރާސާ ކުރުމަށް ޤައުމީ ސަލާމަތުގެ ކޮމެޓީއަށްވެސް ފޮނުވާފައެވެ.

އެންއައިސީގެ މެމްބަރު ކަމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން އެކަމަށް އެދި 7 މީހަކު ކުރިމަތިލާފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން މަޖިލީހަށް ފޮނުއްވާފައިވަނީ ސުލައިމާންގެ ނަން އެކަންޏެވެ.

ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ މުއައްސަސާތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައުވަނީ އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި ޔޫސުފް މާނިއު މަޤާމުން ވަކި ކުރެއްވުމުންނެވެ.