ހަނގުރާމައި ނުރައްކާތެރިކަން ބޮޑުވެފައިވާ ސޫރިޔާގެ ޣޫޠާގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީވުމަށް ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭއިން އިން ފަންޑެއް ހުޅުވައިފިއެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހޭ މުސްލިމުންނަށް އެހީވުމަށް ކޮންމެ އަހަރަކުވެސް އެކި ހަރަކާތްތައް ހިންގަމުންނެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕޭއިންއިން ބުނީ ސޫރިޔާގެ ޣޫޠާގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް އެ ޖަމާއަތުން ކުރިޔަށް ގެންދާ ޙަރަކާތްތަކުގައި ރާއްޖޭގެ އެހެން އެންޖީއޯތައްވެސް ބައިވެރިވާ ކަމަށެވެ. އިންޓަރނޭޝަނަލް އެއިޑް ކެމްޕޭއިންގެ މީޑިއާ ކޯޑިނޭޓަރ އާދަމް ނާއިފް ވިދާޅުވީ މިކެމްޕެއިން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 15 ދުވަހުގެ މުއްދަތައްކަމަށެވެ. ރިލީފް ފަންޑުގައި އެހީތެރިވެދޭނީ ހަމައެކަނި ފައިސާއިން ކަމަށާއި އަދި އެފައިސާ ހަވާލުކުރާނީ ސޫރިއާގެ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކަށް ކަމަށްވެސް ނާއިފް ވިދާޅުވިއެވެ. އަދި މި ހަރަކާތުގައި ހުރިހާ މުއައްސަސާތަކަށާއި، އިދާރާތައް ބައިވެރިވެ ޣޫޠާގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީވުމަށްވެސް ނާއިފް ގޮވާލެއްވިއެވެ.
"މި ކެމްޕެއިންގައި މައިގަނޑުގޮތެއްގައި ކުރިއަށްގެންދަނީ ފައިސާ ކަލެކްޓްކުރާ ފަންޑެއްގެ ގޮތުގައި. ޑޮލަރު އަދި ދިވެހިފައިސާގެ އެކައުންޓެއް ހުޅުވާލާނަން. ކުރިން އަޅުގަނޑުމެން ކުރިއަށްގެންދިޔަ އެހެން ކެމްޕެއިންތަކުގައި ބައިވެރިވި އެންޖީއޯސްތަކާއި، ކައުންސިލްތަކަށް މިފަހަރުވެސް މި ކެމްޕެއިންގައި ބައިވެރިވުމަށް ގޮވާލަން." އާދަމް ނާއިފް ވިދާޅުވިއެވެ.
ސޫރިއާގެ ޣޫޠާއަށް އެހީވުމުގެ ގޮތުން، އެ ޖަމިއްޔާއިންވަނީ ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް ހުޅުވާފައެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުންވަނީ މީގެ ކުރިންވެސް ޣައްޒާއާއި، ރޮހިންޔާގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން ޙަރަކާތްތަކެއް ހިންގާފައެވެ. އަދި މިޙަރަކާތްތަކުންލިބުނު ފައިސާތައް މިހާރުވަނީ އެމީހުންނަށް ފޯރުކޮށްދީފައެވެ.
ޣޫޠާގައި ކުރިމަތިވެފައިވާ ޤަތުލުޢާއްމަކީ މިދިޔަ ހަފްތާއިންފެށިގެން ހިންގަމުންދާ ޤަތުލު ޢާއްމުތަކެކެވެ. ދިމިޝްޤުގެ އިރުމާތީގައި އޮންނަ ޣޫޠާގައި ގާތްގަނޑަކަށް 4 ލައްކަ މީހުންގެ އާބާދީއެއް އޮވެއެވެ. މިދޔަ ހަފްތާގެ އާދިއްތަ ދުވަހުންފެށިގެން އެރަށައް ހަމާލާދޭން ފަށާފައިވާއިރު މިހާތަނަށް ގާތްގަނޑަކަށް 500 މީހުން ޤަތުލުކޮށްފައިވެއެވެ. މީގެ އިތުރުން ގާތްގަޑަކަށް 2500 މީހުންވަނީ ޒަޚްމްވެފައެވެ.
ޢޫތާގެ ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އަންހެނުން އަދި ދުވަސްވީމީހުން ބިންގަރާސްތަކުގައި ތިބިއިރު އެއްވެސް ވަރަކަށް ކެއުންބުއިމުގެ އެހީއެއްވެސް ނުލިބެއެވެ.