ޚަބަރު

ޕީއެސްއެމުން ބައިނަލްއަޤްވާމީ ޤްރުއާން މުބާރާތެއް ބާއްވަނީ


ޕަބްލިކް ސަރވިސް މީޑިއާއިން އިންތިޒާމްކުރާ ބައިނަލްއަޤްވާމީ ޤްރުއާން ކިޔެވުމުގެ މުބާރާތް ވަރަށް އަވަހަށް ބާއްވާނެކަމަށް ޕީއެސްއެމްއިން ބުނެފިއެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ، ބައިނަލްއަޤްވާމީ ޤްރުއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަކީ ކުންފުނީގެ ވަރަށް ބޮޑު އަމާޒެއް ކަމަށް. މީގެ ދޮޅު އަހަރު ކުރިން އިއުލާންކުރި ބައިނަލްއަޤްވާމީ ޤްރުއާން ކިޔެވުމުގެ މުބާރާތް ދިގު ދެމިގެން ގޮސްފައިވާކަން ފާހަގަކުރައްވާ މުޙައްމަދު އިކްރާމް ވިދާޅުވީ، މިކަމަކީ ރާއްޖޭގައި އަލަށް ކުރާ ކަމަކަށްވާތީ އެކަމަށް ވާންޖެހޭ ތައްޔާރީތަކާއި މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މި ވިސްނަނީ 25 އަހަރު ނުވަތަ 30 އަހަރުގެ އުމުރުފުރާއިން މައްޗަށް. އުމުރުން 40 ނުވަތަ 50 އަހަރާ ދޭތެރެއަށް ތަންކޮޅެއް ދޮށީ އުމުރުގެ ބޭފުޅުންނަށް އަމާޒުކުރަން" ޕީއެސްއެމްގެ ޑީއެމްޑީ އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ، މި މުބާރާތަކީ ބައިނަލްއަޤްވާމީ މުބާރާތަކަށް ވުމުން އިސްލާމީ މައިނޯރިޓީ ޤައުމުތަކަށް ދައުވަތު ދޭނެ ކަމަށެވެ. އެގޮތުން އަވަށްޓެރި އިންޑިއާ އަދި ސްރީ ލަންކާ ފަދަ ޤައުމުތަކުގެ އިތުރުން މުސްލިމުންގެ އާބާދީ ބޮޑު ޤައުމުތަކުން މޮޅަށް ޤްރުއާން ކިޔަވާ ފަރާތްތަށް މި މުބާރާތުގައި ވާދަކުރުމަށް ފުރުސަތު ދޭނެ ކަމަށެވެ.

ޕަބްލިކް ސާވިސް މީޑިއާއިން އަންނަނީ އަހަރެއްގެ ތެރޭ ހަތަރު ޤްރުއާން މުބާރާތް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.