ޚަބަރު

ސްޕްރީމް ކޯޓުގައި މިހާރު ތިއްބެވީ މައުސޫމް ތިން ފަނޑިޔާރުން


ސްޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުންނަކީ މައުޞޫމު ބައެއްކަމަށާ، އިންސާފުވެރިކަމާއެކު އެބޭފުޅުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ފެބްރުއަރީ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި އެ ތިން ފަނޑިޔާރުން ލައްވައި ސޮއިކުރުވާފައި ވަނީ އުއްތަމަ ފަނޑިޔު ޢަބްދުﷲ ސައީދާއި ފަނޑިޔާރު ޢަލީ ޙަމީދާއި، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ޢަބްދުﷲ ސަޢީދު އިސްވެ ތިބެ ވަރަށް ބޮޑަށް ކަންކަން އޮޅުވާލައިގެން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ، މިކަންތައްތައް ފެށުނު ދުވަހުން ފެށިގެން ޕީޕީއެމްގެ ފަރާތުން ދައްކަމުން އައި ވާހަކަތަކަކީ ވަރަށް ރަނގަޅު ވާހަކަތަކެއް ކަމަށާއި އަދި އެކަން ފުލުހުންގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުން ލިބެމުންދާ މައުލޫމާތުތަކުގެ އަލީގައި އެނގިގެންދާ ކަމަށެވެ. 

"މިކަމުގެ ނަޖާއިޒް ފައިދާތަކެއް އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދު ނަންގަވައިގެން ހިންގާފައިވާ ޖަރީމާއެއް. އަޅުގަނޑު މިދަންނަވަނީ މިހާރު ތިއްބެވި ތިން ފަނޑިޔާރުންނަކީ ވަރަށް ވެސް މައުސޫމް ތިން ބޭފުޅުންނޭ، އެބޭފުޅުންނަށް އޮޅުވާލައިގެން ހުރިހާ ކަމެއް ކުރެއްވީ. އިއްޔެގެ ޕްރެސްއިން ހާމަވަގެން ދިޔައީ އެބޭފުޅުންނަށް ބޭނުންވާ ހެއްކާއި ގަރީނާ ފުލުހުން އަތުގައި ހުރިކަން. އެއްގޮތަކަށްވެސް އަޅުގަނޑުމެން ހަދައިގެން ވާހަކަތަކެއް ދައްކަނީއެއް ނޫން. މިއީ ފުލުހުން ހާމަ ކުރައްވާ ވާހަކަތަކެއް،" ޢަބްދުއްރަހީމް ވިދާޅުވި އެވެ.

ސްޕްރީމް ކޯޓުގައި މިވަގުތު ތިއްބެވި ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު ޢަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުޙައްމަދާއި ފަނޑިޔާރު ޑރ. އަޙުމަދު އަބްދުﷲ ދީދީއެވެ. 

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު ޢަލީ ހަމީދު ވަނީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އަދި އެދެބޭފުޅުންވަނީ މަގާމުން ސަސްޕެންޑްވެސް ކޮށްފައެވެ.