ޓިވެޓް އޮތޯރިޓީން މިއަހަރަށް މުޅިންއާ 8 ކޯހެއް ތަޢާރަފްކޮށް ކޯސްތަކަށް ފޯމް ހުށައެޅުމަށް ހުޅުވާލައިފިއެވެ. 
 
ޓިވެޓް އޮތޯރިޓީން މަޢުލޫމާތުދޭގޮތުގައި ކޯސްތައް އެކުލަވާލުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ ރާއްޖޭގައި ފުރުސަތުތައްހުރި، މީހުން ޝައުގުވެރިވާފަދަ ދާއިރާތަކުން ކޯސްތައް ހިންގުމަށެވެ.
 
އެގޮތުން އަލަށް އެކުލަވާލި ދާއިރާތައް ހޮވާފައިވަނީ ދިވެހިން އެ މަސައްކަތްތަކަށް އަހުލުވެރިކުރުވައި، ބިދޭސީން ރާއްޖޭގައި އަދާކުރަމުންދާ ވަޒީފާތަކުގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދިނުމަށްކަމަށް ޓިވެޓުން ބުނެއެވެ. 
 
ޓިވެޓުން އަލަށްފަށާ ކޯސްތަކުގެ ތެރޭގައި، ސްޕޯރޓްސް ޓީޗަރ، ރޭޑިއޮލޮޖީ، ލެބޯޓްރީ ޓެކްނޮލޮޖީ، ބިއުޓީ ތެރަޕީ، ގަރޑްނިންގ އެންޑް ލޭންޑް ސްކޭޕިންގ، ސައުންޑް އިންޖިނިއަރިންގ، ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒަރ އަދި ހޭންޑީ ޕަރސަން ޓްރެއިނިންގް ކޯސް ހިމެނެއެވެ. 
 
ޓިވެޓް އޮތޯރިޓީގެ ޑިރެކްޓަރ އާމިނަތު އަސްރާ ވިދާޅުވީ ކަނޑުމައްޗާއި ދަތުރުފަތުރާއި ގުޅޭ ކޯސްތަކާއި ފަތުރުވެރިކަމާއި ކޮންސްޓްރަކްޝަންގެ އިތުރު ދާއިރާތަކުން ކޯސްތައް ހިންގުމަށް މަސައްކަތްކުރަމުން ދާކަމަށެވެ. މީގެތެރޭގައި ނިޔަމި ކޯހާއި، ކަނޑު އުޅަނދުތައް އިންސްޕެކްޓްކުރުންފަދަ ޕްރޮގްރާމްތައް ހިމެނެއެވެ. 
 
އޭނާ ވިދާޅުވީ ޕްރައިމަރީ ގްރޭޑްތަކަށް އަމާޒުކޮށްގެންވެސް އެކިކަހަލަ ކުދި ޓްރެއިނިންގ ކޯސްތަކެއް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އާސްރާ ވިދާޅުވީ މި ކޯސްތަކަކަކީ މީހުންނަށް ބަރޯސާނުވެ ގޭތެރޭގައި ކުއްލިއަކަށް ދިމާވާ ކުދި ކުދި މައްސަލަތައް ޙައްލުކުރުމަށް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ކުރިއަށް ގެންދަން ނިންމާފައިވާ  ޕްރޮގްރާމެއްކަމަށެވެ. މި ޕްރޮގްރާމްގައި، ބޮކި ބަދަލުކުރުމާއި، ފެންލީކްވުންފަދަ މައްސަލަތައް ޙައްލުކުރުމާއި، ތަޅުފަދަ ތަކެއްތި ބަދަލުކުރާނެ ގޮތްތައް ދަރިވަރިންނަށް ދަސްކޮށްދޭނެއެވެ.
 
އާސްރާ ވިދާޅުވީ ރަށްތަށުގައި ދަސްވާރުގެ ދަށުން ފަށާ ކޯސްތަކަކީ ޓްރެއިނިންގ ނިންމާ އެވަޒީފާތަކަށް ދަރިވަރަށް ދެވޭނެ ފުރުސަތު ހުރި ވަޒީފާތަކެއްތޯ ވަރަށް ބޮޑަށް ބަލާކަމަށެވެ. 
 
އެގޮތުން އުފާ އޮފީހުން ޓިވެޓްގެ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތު ހޯދުމަށް ކުރަމުން ގެންދާ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ. އަސްރާ ވިދާޅުވީ ޓިވެޓުން މިހާތަނަށް ކިޔަވާފައިވާ ކުދިންގެ ބޮޑު އިންސައްތައެއް މިހާރުވެސް ވަޒީފާ އަދާކުރަމުންދާކަމަށާއި، އަދި މީގެއިތުރުން މަތީ ކޯސްތަކަށް ކިޔަވަމުންގެންދާކަމަށެވެ.
 
ޓިވެޓުން ކޯސްތައް ފުރިހަމަކޮށް މުޖުތަމަޢަށް ކުދިން ނެރޭއިރު، އެކުދިން ވަޒީފާ ހޯދާނެ ގޮތްތަކާއި، އަމިއްލައަށް މަސައްކަތް ކުރެވޭ ދާއިރާއެއްނަމަ އެގޮތަށް މަސައްކަތް ކުރާނެ ގޮތްތަކާއި، ވަޒީފާއަށް ސީވީ ތައްޔާރުކުރާނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޢުލޫމާތުދީ ކުދިން ތައްޔާރުކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.