ޚަބަރު

ތިނަދޫ އިސްލާމީ މަރުކަޒު އަންނަ ރަމަޟާން މަހަށް ނިމޭނެ


ގދ.ތިނަދޫގައި ބިނާކުރާ އިސްލާމީ މަރުކަޒު ނިމި އަންނަ ރަމަޟާންމަހު ބޭނުން ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. 

ތިނަދުގައި ބިނާ ކުރާ އިސްލާމީ މަރުކަޒަކީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި ބިނާކުރާ އެންމެ ބޮޑު މިސްކިތެވެ. އަދި އަތޮޅެއްގައި ޢިމާރާތްކުރާ  އެންމެ ފުރަތަމަ އިސްލާމީ މަރުކަޒެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު އެ މިސްކިތުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި ކުރިއަށް އޮތް ރަމަޟާން މަހު މިސްކިތް ބޭނުން ކުރެވެން ފަށާނެކަމަށެވެ. 

އެއްފަހަރާ ތިންހާސް މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މި މިސްކިތުގައި މިހާރު ކުރިއަށްދަނީ ކަރަންޓުގެ ބައެއް މަސައްކަތްތަކާއި މިސްކިތުގެ ގޯތި ތެރޭގައި ކުރަންޖެހޭ ބައެއް މަސައްކަތްތައްކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ. 

ތިނަދޫގައި ސަރުކާރުން ބިނާކުރާ އިސްލާމީ މަރުކަޒު ޢިމާރާތަކީ ދެބުރީގެ ޢިމާރާތެކެވެ. ޢިމާރާތް ފަރުމާކޮށްފައިވަނީ ޢިމާރާތުގެ ތިރީ ބައިގައި އޮފީސް ޢިމާރާތަކާއި، ވުޟޫކުރާ ބައެއްގެ އިތުރުން ޖަލްސާކުރާ ހޯލަކާއި ޤުރުއާން ކިޔަވައިދޭ 4 ކްލާސްރޫމު ހިމެނޭގޮތަށެވެ. މި ޢިމާރާތުގެ މަތީބައި ފަރުމާކޮށްފައިވަނީ ނަމާދުކުރާ ބައެއްގެ ގޮތުގައެވެ.

މި މަޝްރޫޢަށް ތިރީސް ހަތަރެއް ޕޮއިންޓް ހަތަރެއް މިލިއަން ދިވެހި ރުފިޔާ ޚަރަދުވެއެވެ. މިއީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިލޭ އެހީއާއި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކޮށްގެން ބިނާކުރާ މިސްކިތެކެވެ.