ޚަބަރު

ރައީސް އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާ ބައްދަލުކުރެއްވުން


މިދިޔަ އަހަރުގެ އޭލެވެލް އިމްތިޙާނުން އެންމެ ރަނަގަޅު ނަތީޖާ ހޯދި 3 ދަރިވަރުންނާ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ނަތީޖާ ހޯދައިގެން ސަރުކާރުން ދެއްވާ ސްކޮލަރޝިޕް އެކުދިންނަށް ލިބުމުން އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މިފަދަ ފަޚުރުވެރި ނަތީޖާއެއް ހޯދިކަމަށްޓަކާ ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގައި ތަޢުލީމު ޙާސިލު ކުރި ކަމުގައިވިއަސް ޤައުމުގެ ޙާލަތާއިމެދު ވިސްނުމަށާއި  ޤައުމަށް ބޭނުންތެރިވާނެ ކަންތައްތަކާމެދު ވިސްނައި އެކަންތައްތައް މަގުފަހި ކުރެވޭނެ ގޮތްތައް ހޯދުމަށް އެދިވަޑައިގެންފައެވެ.  އަދި ޤައުމަށް ވަފާތެރިވުމަށާއި ޤައުމުގެ ނަމަށް ހުތުރުވާފަދަ ކަންތައްތަކަށް ވާގިދޭފަދަ އެއްވެސް ކަމެއްނުކުރުމަށް އެމަނިކުފާނު ނަޞޭހަތްތެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް ބޭނުންވަނީ ކިޔަވައިގެން ތިބި ދިވެހި ކުދިންކަމަށާއި ތިން ކުދިންވެސް ކިޔަވައި ނިމިގެން ސަރުކާރަށް ޚިދުމަތްކުރުމަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވިއެވެ.