ޚަބަރު

ކޯޓުގެ ހުރުމަތް ކަނޑާލާފައިވާތީ އިދިކޮޅަށް ހުކުމް އިއްވަންޖެހޭ


ވުޖޫދުގައި ނެތް ޙުކުމެއް ތަންފީޒުކުރުމަށް ގޮވާލުމަކީ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށާއި އެހެންކަމުން އިތުރު ތަހުޤީގަކާ ނުލާ އިދިކޮޅު ފަރާތްތަކަށް ހުކުމް ކުރަންޖެހޭކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފުނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ވިދާޅުވީ، އެކެއް ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް މަގުތަކަށް ނުކުތުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާތީ އެކަމާ ހައިރާންވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހިމެނޭ ބައިތައް ވަނީ ބާތިލްކޮށްފައި ކަމަށާއި އެބައިތައް ބާތިލްކޮށްފައި ވަނިކޮށް އެކަމަށް ގަދަބަސް ބުނެ، އިދިކޮޅު ފަރާތްތަކުން ނުކުތުމަކީ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށެވެ.

އަބްދުއްރަޙީމް ވިދާޅުވީ، ކޯޓުގެ ގަވާއިދު ބުނާ ގޮތުން އިތުރު ތަޙުގީގަކާނުލާ ހުކުމް ކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށާއި އެބާރުގެ ބޭނުންކުރާ ހިސާބަށް ހިނގައްޖެ ކަމަށެވެ.

"އެއީ މިހާރު ނެތް އަމުރެއް ތަންފީޒު ކުރުމަށް ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނިކުތުމަށް ގޮވަނީ. މަގުމަތި ހަލަބޮލިކޮށް ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލަން މަސައްކަތް ކުރަމުންދަނީ. އެބޭފުޅުންނާމެދު ފިޔަވަޅު ނާޅާ ތިބެން ހެޔޮ ނުވާނެ،" އަބްދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަޙީމް ވިދާޅުވީ، އެކެއް ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރަކީ އެއްވެސް ތާކުންތާކު ނުޖެހޭ އަމުރެއް ކަމަށާއި ބޮޑެތި ނުވަ ކުށްވެރިއަކު ދޫކޮށްލަން އެބޭފުޅުންނަށް ދެއްކިފަ އޮތް ހުއްޖަތަކީ އަވަސް އަރުވާލައިގެން ނުފޫޒުގެ ބޭނުން ކޮށްގެން މައްސަލަތައް ނިންމަވާފައިވާ ނިންމުން ކަމަށެވެ.