ޚަބަރު

ޤައުމީ ލޯތްބަކީ އެހެން ހުރިހާ ލޯތްބަކަށްވުރެ ހުރުމަތްތެރިކަމެއް


ޤައުމީ ލޯތްބަކީ އެހެން ހުރިހާ ލޯތްބަކަށްވުރެ ހުރުމަތްތެރި ވެގެންވާ ކަމެއް ކަމަށާއި ޤައުމެއްގެ އިއްޒަތާއި ޝަރަފް ލިބޭނީ އެޤައުމަކަށް ދެވިފައިވާ މާތް ނަމެއްގެ ސަބަބުން ކަމަށް ޤައުމީ އިނާމް ކޮމިޓީގެ ރައީސް އަބްދުއްރަޝީދު ޙުސައިން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން މިދާ ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ދުވަހުގެ މުނާސަބާއާ ގުޅިގެން ވާހަކަ ދައްކަވަމުން އަބްދުއްރަޝީދު ޙުސައިން ވިދާޅުވީ، ޤައުމު ދެކެ ލޯބިވާ ކޮންމެ ފަރުދަކުވެސް އެޤައުމަކަށް ދިމާވާ ކޮންމެ ބޮޑު ކަމަކުން ސަލާމަތް ކުރުމަށްޓަކައި ޖާނާ މާލުން ޤުރުބާންވާންޖެހޭ ކަމަށެވެ.

ޤައުމިއްޔަތެއް އުފެދިގެންދަނީ އެ ޤައުމިއްޔަތެއްގައި ހުރި ބަހާތަކެއްގެ މައްޗަށްކަން ފާހަގަކުރައްވާ ޢަބްދުއްރަޝީދު ޙުސައިން ވިދާޅުވީ އޭގެތެރޭގައި ހިމެނެނީ އެ ޤައުމެއްގެ މާދަރީ ބަހާއި ޒަމާންވީ ތާރީޚަށް ލޯބިކުރުމާއި އެޤައުމެއްގެ ސަޤާފަތާއި މިނިވަންކަން ހިފެހެއްޓުމަށްޓަކައި އަދާކުރާ ޒިންމާތަކެއްގެ މައްޗަށް ކަމަށެވެ. އެގޮތުން މިފަދަ ހުރިހާ ޒިންމާއެއް އަދާކުރުމަކީ ޤައުމެއްގެ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް ޢަބްދުއްރަޝީދު ޙުސައިން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ބަހާތަކާއި ރުކުންތަކަށް ރައްކާތެރިވާންޖެހޭ. އެފަދަ އެއްވެސް ކަމަކަށް ނިކަމެތިވާފަދަ ގޮތަކަށް އަމަލުތައް ބަހައްޓައިގެން ނުވާނެ. ދިވެހި މާދަރީ ބަހަށް ރައްކާތެރިވެ ތިބެންޖެހޭ. ދިވެހި ބަހަށް ގެއްލުންވާނެ ކަމެއް ކުރިމަތިވާން ދޫކޮށްލައިގެން ނުވާނެ." އަބްދުއްރަޝީދު ހުސައިން ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މާޗު މަހުގެ 6 ވަނަ ދުވަހެވެ. މި ދުވަހަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ދިވެހިންގެ ޤައުމިއްޔަތާއި، އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙް އުފައްދައި އާލާކުރުމަށް ޚާއްޞަކޮށްގެން "ތަރިކަ"ގެ ނަމުގައި ޚާއްޞަ މަޝްރޫޢެއް އިފްތިތާހު ކުރެއްވި ދުވަހެވެ. މި މަޝްރޫޢު ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާފައިވަނީ 2017 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައެވެ.