އަވަށްޓެރި ސްރީ ލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފިއެވެ. ލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރީ އެޤައުމުގެ އެކި ސަރަހައްދުތަކުގައި ބުޑިސްޓުން މުސްލިމުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އެކަންކުރަމުންދާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށްކަމަށް ނޫސް ތަކުން ބުނެއެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފައިވާއިރު މިދިޔަ ހޯމަދުވަހު ކޭންޑީގައި ބުޑިސްޓް ގްރޫޕަކުން މުސްލިމުންނާއި ދެކޮޅަށް ހިންގަންފެށި ހަމަނިޖެހުންތަކުގައި ބޮޑެތި ގެއްލުންތައްވަނީ ލިބިފައެވެ. މިހަމަނުޖެހުންތަކުގައި މުސްލިމުން ދިރިއުޅޭ ބައެއް ގެތަކަށާއި ފިހާރަތަކުގެ އިތުރުން މިސްކިތްތަކުގައި ހުޅުޖަހާފައިވެއެވެ.
ފަހަކަށް އައިސް ލަންކާގެ ބުޑިސްޓުން މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައްވަނީ އިތުރުވެފައެވެ.