ޚަބަރު

އިއްޒުންދީނު މަގުގައި ތާރުއަޅާ ނިމިއްޖެ


ކަޅުތުއްކަލާ ކޮށީގެ ބިއްދޮށުގައި ހަދަމުންދާ ޢިއްޒުއްދީނު މަގުގައި ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިމިއްޖެއެވެ.

ދެކޮޅަށް ދުއްވޭ ގޮތަށް ފުޅާކޮށް ހަދާފައިވާ މިމަގު އަންނަ މަހު އާންމުކޮށް ބޭނުންކުރުމަށް ހުޅުވާލާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނު މަގުން ފެށިގެން އަމީނީ މަގާ ހަމައަށް ތާރު އަޅައިގެން ހަދާފައިވާ މި މަގުގައި މިހާރުވަނީ ކަރަންޓް ކޭބަލްތަކާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން ފެންހޮޅިތައް ވަޅުލުމުގެ މަސައްކަތްވެސް އެއްކޮށް ނިމިފައެވެ. އަދި މަގުގެ ފެން ހިންދުމަށް ބޭނުންވާ ކާނު ވަޅުގަނޑުތައްވެސް ވަނީ ޒަމާނީ ފެންވަރަށް ހަދާ ނިމިފައެވެ.

އިއްޒުއްދީން މަގު އާންމުކޮށް ހުޅުވާލާއިރު އެމަގަކީ އަމީނީ މަގުން ފެށިގެން އެމް.ޕީ.އެލްއާ ހަމައަށް ޕާކް ނުކުރެވޭ ގޮތަށް ދެކޮޅަށް ދުއްވޭ މަގަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި މަގު ވެގެންދާނީ މުދާ އުފުލާ ބަރު އުޅަނދުތައް އެންމެ ގިނައިން ދަތުރުކުރާ މަގަށެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިއްޒުއްދީނު މަގަށް ބަދަލުގެނައުމަށް ނިންމާފައިވަނީ، އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ނިމޭއިރު، އެމްޕީއެލުން މުދާ ނެރެ ގުދަންކުރުމަށް އެ ޞަރަޙައްދައް ގެންދިއުމަށް ފަސޭހަ ވާނެގޮތައް ބެލުމަށްފަހު ކަމަށެވެ. އަދި މި ބަދަލު ގެންނައިރު ޓްރެފިކަށް ދިމާވާ ކަންކަން ކުޑަކުރުމަށް ޢިއްޒުއްދީނުމަގަކީ ޕާކުނުރެވޭ މަގަކަށް ހަދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިއްޒުއްދީން މަގުގެ މަސައްކަތް ނިމޭއިރު، އެސަރަހައްދުގައި ދެ ޕަރކިންގ ސިސްޓަމް ޤާއިމުކޮށް، އެ މަގަގީ ޕާކު ނުކުރެވޭ، ދެކޮޅަށް ދުއްވާ މަގަކަށް ބަދަލުކުރާނަން" ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ހަދާފައިވާ އިއްޒުންދީން މަގަކީ 50 އަހަރުގެ ދިގު މުއްދަތަކަށް ބޭނުންކުރެވޭ ގޮތަށް ޑިޒައިންކޮށްގެން ހަދާފައިވާ މަގެކެވެ.

އިއްޒުންދީން މަގުގެ އިތުރުން މާލޭގެ ހުޅަނގު ދެކުނު ފަޅުތެރެއިން 6.9 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީ ކުރަމުންދާ މާލޭ އިންޑަސްޓްރިއަލް ވިލެޖްގެ މަގުތައްވެސް ވަނީ ރަނގަޅު ފެންވަރެއްގައި ތާރު އަޅައިގެން ތަރައްޤީކޮށްފައެވެ.