ޚަބަރު

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު


އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ ތެއްތިރީސް ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތް މިއަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 4 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ސްކޫލްތަކުގެ ބައިން 13 އަހަރުން ދަށާއި 13 އަހަރާއި 16 އަހަރާ ދެމެދުގެ ދަރިވަރުންނަށް ބައިވެރިވެވެއެވެ. އަދި 16 އަހަރާއި 21 އަހަރާ ދެމެދުގެ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެއެވެ. ދިވެހި ބަހުގެ އެކަޑަމީން ބުނީ މަތީ ތަޢުލީމުގެ ބައިން ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި އިންސްޓިއުޓްތަކަށް މުބާރާތުގައި ބައިވެރިވެވޭނެކަމަށެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން ދަށާއި 18 މަތީގެ ބައި ހިމެނެއެވެ. ދިވެހިބަހުގެ އެކަޑަމީން ބުނީ  މިއަހަރުގެ މުބާރާތުގައި އޮފީސް ކުންފުނިތަކާއި ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކަށް ބައިވެރިވެވޭނެކަމަށެވެ.

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ ތެއްތިރީސް ވަނަ ޤައުމީ މުބާރާތް މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ އަންނަމަހުގެ 8 ވަނަ ދުވަހުއެވެ. މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތް ފެށުމުގެ މަދުވެގެން 15 ދުވަސް ކުރިން އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެކަޑަމީން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށައަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 26 ވަނަ ދުވަހެވެ.