ކުޅިވަރު

16 ޕޮއިންޓްގެ ފަރަޤަކާއެކު ސިޓީ އެއްވަނާގައި ހަމަޖެހިލާފަ


މެންޗެސްޓަރ ޔުނައިޓެޑާ ވާދަކޮށް ލީގު ކާމިޔާބުކުރެވުން ވެގެން ދާނީ ހަޔާތުގައި އެއް ފަހަރު ލިބޭ ކަހަލަ ފުރުސަތަކަށް ކަމަށް މެންޗެސްޓަރ ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ބުނެފިއެވެ. 

ރޭ ސްޓޯކްއާ ވާދަކޮށް ދެ ލަނޑު ސުން ލަނޑުން ކުރި ހޯދި މެޗަށްފަހު ތާވަލްގެ އެއްވަނާގައި އޮތް ޓީމްގެ ކެޕްޓަން ބުނީ ޔުނައިޓެޑު ފަހަތަށް ޖައްސާލާ ލީގު ލިބުމަކީ ހަޔާތުގައި އެއް ފަހަރު ލިބޭ ފަދަ ފުރުސަތެއްކަން ޓީމްގެ ހުރިހާ ކުޅުންތެރިންނަށް ވެސް އިނގޭ ކަމަށާއި، ނަމަވެސް އެފަދަ ކާމިޔާބީއަކީ މަސައްކަތާ ނުލާ ލިބޭނެ ކާމިޔާބީއެއް ނޫންކަމަށެވެ. 

މެޗުން ލިބުނު ތިން ޕޮއިންޓާއެކު ސިޓީ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިގެން އޮތީ ދެވަނާގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށްވުރެ 16 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ރޭގެ މެޗުގައި ސިޓީގެ ދެ ލަނޑުވެސް ޖެހީ ސްޕެއިންގެ މިޑްފީލްޑަރ ޑޭވިޑް ސިލްވަރއެވެ. 

ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ މުބާރާތުގެ ޗެމްޕިއަނުންނަށްވުމާ ވަރަށް ގާތް ކަމަށާއި، ބާކީ އޮތީ ދެތިން މެޗު ކަމަށެވެ. އަދި ވަކި ޓީމަކާ ވާދަކޮށް މޮޅުވުން މުހިންމު ނޫން ކަމަށާއި، ކޮންމެ އިރަކުން ނަމަވެސް އަމާޒަކީ ޗެމްޕިއަންކަން ހޯދުން ކަމަށެވެ. 

ރޭގެ މެޗަށްފަހު ސިޓީ އެއްވަނާގައި އޮތީ 81 ޕޮއިންޓާއެކުއެވެ. ދެވަނާގައި މެންޗެސްޓަރ ޔުނައިޓެޑް އޮތީ 65 ޕޮއިންޓާއެކުއެވެ.