ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭގެ ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ 1 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، މުޅި އެއަރޕޯޓު ވަނީ އިންޤިލާބީ ބަދަލަކާއި ދިމާލަށް މިސްރާބު ޖަހާފައެވެ. މި މަޝްރޫޢުގެ ތެރެއިން މިވަގުތު އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށްދާ އެއް މަސައްކަތަކީ އާ ރަންވޭގެ މަސައްކަތެވެ. އެގޮތުން އާ ރަންވޭގެ ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާއިރު، މި މަޝްރޫއު ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، މިއަދު ރަންވޭގައި ފެށުނު މަސައްކަތަކީ ތާރުގެ ފުރަތަމަ ފަށަލަ އެޅުމުގެ މަސައްކަތް ކަމަށާއި، އަދި ފުރަތަމަ އަސްފާލްޓް ލޭޔާގެ މަސައްކަތް މޫސުން ތަންދޭނަމަ އެއް މަސް ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
އާދިލް ވިދާޅުވީ، އަސްފާލްޓްގެ ފުރަތަމަ ލޭޔަރުގެ އިތުރުން އިތުރު ދެ ލޭޔަރެއް ރަންވޭގައި އަޅާނެ ކަމަށާއި، އެއާއެކު ރަންވޭގެ މައިގަނޑު ކޮންސްޓްރަކްޝަން މަސައްކަތް އެއްކޮށް ނިމޭނެ ކަމަށެވެ.
"ތާރުގެ އަދި ދެ ލޭޔާއެއް އަންނާނެ، އަޅުގަނޑުމެން މި ބަލަނީ މަސައްކަތްކުރާ ދުވަހެއްގައި 100 އާއި 140 މީޓަރާއި ދޭތެރޭގައި ދުވާލަކު ތާރުއަޅަމުން މިދަނީ. އެގޮތަށް ބަލަންޏާ 3400 ދިގުމިނުގެ ރަންވޭއެއްވެއްޖެޔާ އެއްމަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ބަލަނީ. އެހެންވީމަ އިތުރު ދެ ލޭޔާއާއެއްކޮށް އިރާދަކުރެއްވިއްޔާ ރަންވޭގެ ކޮންސްޓްރަކްޝަން މަސައްކަތް މި އަހަރު ތެރޭގައި ނިންމާލެވޭނެ." އާދިލް ވިދާޅުވިއެވެ.
އެއަރޕޯޓުގެ އާ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތުގެ އިތުރުން، ޕެރަލަލްކޮށް ޓެކްސީ ވޭ އާއި ޝޯލްޑާގެ މަސައްކަތް އަދި މިހާރު އޮތް ރަންވޭއާ ގުޅާޅުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް އެމްއޭސީއެލް އިން އަންނަނީ ކުރަމުންނެވެ. އަދި އާ ރަންވޭ ނިމުމާއެކު މިހާރު ބޭނުން ކުރަމުން އަންނަ ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް އެމްއޭސީއެލް އިން ދަނީ ކުރަމުންނެވެ.
ދުނިޔޭގައި އޮޕަރޭޓްކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމުގައިވާ A380 މަރުކާގެ ބޯޓު ފަހަރަށްވެސް ފަސޭހަކަމާއެކު ޖެއްސޭނެހެން ފަރުމާކުރާ މި ރަންވޭއަކީ 3400 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެކެވެ.
އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް 77 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އާ ރަންވޭއަށް ބޭނުންވާ ސަރަހައްދުގެ ފަސްގަނޑު ލެވެލްކޮށް ނިންމާ، ސަބް-ބޭސް އެޅުމުގެ މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.