ޚަބަރު

"ޤާނޫނާޚިލާފު އެއްވުމަށް ފަންޑުކުރާނަމަ ފިޔަވަޅު އަޅާނަން"


ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނުކުތުމަށް ގޮވާލާ އެކަމަށް ފަންޑުކޮށް ރާވާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ. 

މޯލްޑިވްސް ޕޮލިސް ސާވިސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، މަދު ބަޔަކު މަގުތަކަށް ނުކުމެ މިހާރު ހިންގަމުންގެންދާ ހަމަނުޖެހުންތަކުގެ ސަބަބުން މަޖީދީ މަގު ސަރަޙައްދުތަކުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންނަށާއި ވިޔަފާރިކުރާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އުނދަގޫތައް ކުރިމަތިވަމުންދާ ކަމަށެވެ. 

ޝިފާން ވިދާޅުވީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނުކުތުމަށް ގޮވާލައި އެކަމަށް ފަންޑުކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅާނެ ކަމަށާއި އެފަދަ ގޮތަކަށް މަގުތަކަށް ނުކުންނަ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފުލުހުން ފަސްނުޖެހޭނެ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ. 

ފުލުހުންގެ ސަފުތައް އޮތީ ބަދަހި ކަމާއެކުކަން ފާހަގަކުރައްވައި ޝިފާން ވިދާޅުވީ، ސޯޝަލް މީޑިއާގެ ތަފާތު އެކި ވަސީލަތްތައް ބޭނުންކޮށްގެން ފުލުހުންގެ ނަމުގައި ތަފާތު ވީޑިއޯތައް އާންމުކުރަމުންދަނީ ފުލުހުންގެ އަގުވައްޓާލުމުގެ މަޤްސަދުގައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގުޅިފައިވާ ފުލުހުންގެ ސަފުތައް ފޫއަޅުވާ ނުލެވޭނެ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

"މިފަދަ ޤާނޫނާއި ޚިލާފު އެއްވުންތައް ރާވައި ޚަރަދުކުރާ ފަރާތްތައް ހޯދައި އެ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު ފުލުހުން އަޅާނެ ވާހަކަ ދަންނަވަން، އަޅުގަނޑުމެން އަދިވެސް އިލްތިމާސް ކުރަން މަދު ބަޔަކު ނިކުމެ މި ކުރާ ކަންތައްތަކުގެ ސަބަބުން ގިނަ ބަޔަކަށް މީގެ ގެއްލުންވާފަދަ ކަންކަން ތަކުރާރުނުކޮށް މާލޭގެ މުޖުތަމައުއަކީ އަމާންތަނަކަށް ހެދުމަށްޓަކައި ހުރިހާ ރައްޔިތުން އެކުވެ މިފަދަ ކަންކަމުގައި ބައިވެރިނުވުމަށް އަޅުގަނޑު ދަންނަވަން." އަޙްމަދު ޝިފާން ވިދާޅުވިއެވެ.

ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، އެކަމަށް އިޝާރާތް ކުރައްވާ ޝިފާން ވިދާޅުވީ އެއްވުމަށް ބޭއްވުމަށް ނުވަތަ އެފަދަ އެއްވެސް ކަމަކަށް ހުއްދައެއް ހޯދުމަށް މިހާތަނަށް އެއްވެސް ފަރާތަކުން ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.