ކުޅިވަރު

ރޮނަލްޑޯ ކެރިއަރުގައި 50 ވަނަ ހެޓްރިކް ހަދައިފި


ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި ހެދި 50 ވަނަ ހެޓްރިކާއެކު ރެއާލް މެޑްރިޑް ލަލީގައި ތިންވަނައަށް ޖެހިލައިފިއެވެ.

 ރޭ ލަލީގައި ޖިރޯނާއާ ވާދަކޮށް ރެއާލް މެޑްރިޑު މެޗު ކާމިޔާބުކުރީ 6-3 ލަނޑުންނެވެ. މެޗުގައި ރޮނާލްޑޯ ވަނީ ހަތަރު ލަނޑު ޖަހާފައެވެ. ރެއާލްމެޑްރިޑުގެ އަނެއް ދެ ލަނޑު ކާމިޔާބުކުރީ ވަޒްކުއެޒްއާއި ގެރަތް ބޭލްއެވެ. ޖިރޯނާގެ ލަނޑުތައް ކާމިޔާބު ކޮއްދިނީ ޓުއާނީ އާއި ރެމިރޭޒް ލޮޕޭޒްއެވެ. 

މެޗަށްފަހު ވާހަކަދައްކަމުން ރެއާލްމެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ މިއީ ރޮނާލްޑޯއަށް ސީޒަންގެ އެންމެ މުހިންމު ވަގުތުކޮޅުކަމަށާއި، ރެއާލްމެޑްރިޑަށްވެސް ރޮނާލްޑޯ އަކީ މުހުންމު ކުޅުންތެރިއެއްކަމަށެވެ. ޒިދާން މިމޭރުމުން ވާހަދައްކަފައި ވާއިރު ސްޕެއިންގެ ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މިސީޒަނަށްފަހު ރޮނާލްޑޯ މެޑްރިޑުން ވިއްކާލުމުގެ ފުރުސަތު ބޮޑެވެ. ރޭގެ މެޗަށްފަހު ޒިދާން ވަނީ ރޮނާލްޑޯއަކީ ޓީމްތެރޭގައި އެހެންކުޅުންތެރިންނާ ތަފާތު ކުޅުންތެރިއެއްކަމަށް ބުނެފައެވެ. ޒިދާން ބުނީ ރޮނާލްޑޯއަކީ ވަރަށް އަޒުމް ވަރުގަދަ ކުޅުންތެރިއެއް ކަމަށާއި، އެކަން ޓީމްގެ ޓެރޭނިންގ ސެޝަންތަކުގައާއި، މެޗުތަކުން އޭނާ ސާބިތު ކޮއްދޭކަމަށެވެ.

" އެއީ ވަރަށް އާދަޔާހިލާފް އަޒުމް ވަރުގަދަ ކުޅުންތެރިއެއް. އޭނާގެ ފަރާތުން އަހަންނަށް ފެނިގެންދޭ ޓްރޭނިންގައި އެހެން ކުޅުންތެރިންނާ ތަފާތުކަމަށް. ޓްރޭނިންގައިވެސް ޕެނެލްޓީޖަހަން އޭނާދާނީ ވަރަށް އިތުބާރާ ޔަޤީންކަމާއެކު. ކުޅުންތެރިއަކު ސަމާލުކަންދޭނެ ހުރިހާކަމަކަށް އޭނަގެ ފޯކަސްހުރޭ އެހެންވީމަ ތަފާތޭ މިބުނަނީ" މެޗަށްފަހު ޒިދާން ބުންޏެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ހަތަރު ލަނޑާއެކު މިސީޒަންގެ ހުރިހާ މުބާރާތެއްގައި އޭނާ ޖަހާފައިވާ ލަނޑުގެ އަދަދު ވަނީ 37 އަށް އަރާފައެވެ. ރޮނާލްޑޯ ވަނީ އެންމެފަހުން މެޑްރިޑަށް ކުޅެދިން 11 މެޗުން 21 ލަނޑު ޖާހަފައެވެ.