ތަރައްްޤީ

ފުނަދޫ މަގު ހެދުމުގެ މަސައްކަތުގެ %80 ނިމިއްޖެ


ރާއްޖޭގެ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވެރިރަށް މާލޭގެ އިތުރުން އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައި އަންނަނީ މަގުތައް ޒަމާނީ ފެންވަރަށް ހަދައި ރައްޔިތުންނަށް އެކަމުގެ ފަސޭހަކަން ފޯރުކޮށްދެމުންނެވެ. 

މި މަސައްކަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ސަރުކާރުން މިވަގުތު ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުން އަންނަ ށ.ފުނަދޫއެވެ. އެގޮތުން ފުނަދޫގެ މަގުތައް ހެދުމުގެ އިތުރުން ސަރުކާރުން އަންނަނީ އެރަށުގައި އެއަރޕޯޓެއް ހެދުމުގެ މަޝްރޫއުވެސް ހިންގަމުންނެވެ.

ފުނަދޫ މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އެރަށުގެ 40 އިންސައްތަ މަގުތަކުގައި ތާރުއަޅެމަށްވަނީ ހަމަޖެހިފައެވެ. އަދި އެ މަސައްކަތުގެ ތެރެއިން ތާރުއަޅާ ހުރިހާ މަގެއްގައި މިހާރު ވަނީ ކާބު ޖަހައި ނިންމާފައެވެ.

ފުނަދޫގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިވަތު ކުރަމުންދަނީ ތާރު އެޅުމުގެ ކުރިން މަގުތަކަށް އަޅަންޖެހޭ ހިލަ ރަށަށް ބޭލުމުގެ މަސައްކަތެވެ. އަދި އެ މަސައްކަތް ނިންމައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޢަމަލީ ގޮތުން ތާރު އެޅުމުގެ މަސައްކަތް ފަށާނެއެވެ. އަދި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ކުރިން ޕްލޭންގައި ހިމެނިފައި ނެތް ދެ މަގެއްގައިވެސް މިހާރުވަނީ ތާރު އެޅުމަށް ހަމަޖެހިފައެވެ.

ފުނަދޫ މަގުތަކުގައި ތާރު އެޅުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، އެ މަގުތަކުގެ ނަރުދަމާގެ މަސައްކަތްވެސް ވަނީ މިހާރު ނިމިފައެވެ. ފުނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީންނެވެ. މި މަސައްކަތުގެ އިތުރުން އެމްޓީސީސީން އަންނަނީ އެރަށުގައި އެއަރޕޯޓް ހެދުމަށް ބޭނުންވާ ސަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ހަލުވި ދުވެއްޔެއްގައި ކުރަމުންނެވެ.