ފެނާއި ނަރުދަމާގެ ޤާނޫނުގެ ބިލު އެކުލަވާލާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން މިނިސްޓަރ ދެއްވި ޚިތާބުގައި ވިދާޅުވީ ޤާނޫނާއި އެކު ހަދަންޖެހޭ ޤަވާޢިދުތަކުގެ ދެލިކޮޕީވެސް މިހާރު ތައްޔާރުކޮށް ނިމިފައިވާކަމަށެވެ.
ރާއްޖޭގެ ހުރިހާ ޞަރަޙައްދެއްގައި ސާފު ބޯފެނާއި ނަރުދަމާގެ ގެ ޚިދުމަތް ދިނުމުގެ މަޤުޞަދުގައި ފެނާއި ނަރުދަމާގެ ޤައުމީ ސިޔާސަތެއް އެކުލަވާލާ މިިދިޔަ އަހަރު ވަނީ ތަންފީޒުކުރަން ފަށާފައެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ ޞަރަޙައްދެއްގައި ސާފު ބޯފެނާއި ނަރުދަމާގެ ގެ ޚިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަދި މި މަސައްކަތުގެ ދަށުން އެންމެ މުހިންމުކަމެއްގެ ގޮތުގައި ކުރަމުން އަންނަ އެއްކަމަކީ ޒަމާނީ ފެންވަރުގެ ފެނާއި ނަރުދަމާގެ ނިޒާމުތައް ޤާއިމުކުރުމެވެ.
ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ދެއްވި ޚިތާބުގައި ވިދާޅުވީ ރާއްޖޭގެ ފެނާއި ނަރުދަމާގެ ޤާނޫނުގެ ބިލު އެކުލަވާލާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ތައްޔާރުވެފައިވާކަމަށާއި މިކަމާ ގުޅިގެން ހަދަންޖެހޭ ޤަވާޢިދުތަކުގެ ދެލިކޮޕީ ވެސް މިހާރު ތައްޔާރުކޮށް ނިމިފައިވާކަމަށެވެ.
ރާއްޖޭގެ ރަށްތަކަށް ބޭނުންވާ ސާފު ބޯފެނާއި ނަރުދާމާގެ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ތާރިޤް ވިދާޅުވީ ފެނުގެ ނިޒާމު ހަރުދާނާކުރުމަށް 25 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި މި މަޝްރޫޢުތައް ނިމޭއިރު އާބާދީގެ 65 އިންސައްތައަށް ޒަމާނީ ފެނުގެ ނިޒާމުގެ ޚިދުމަތް ލިބިގެން ދާނެކަމަށެވެ.
މީހުންދިރިއުޅޭ ރަށްރަށުގައި ބޯފެނަށްޖެހޭ މައްސަލަ ޙައްލުކުރުމަށްޓަކައި 2015 ވަނައަހަރު ސަރުކާރުން ފެށި ޚާއްޞަ މަޝްރޫޢުގެ ދަށުން ވާރޭފެން ނަގާ ރައްކާ ކުރާ ނިޒާމު 29 ރަށެއްގައި ވަނީ ޤާއިމްކޮށްފައެވެ . އަދި މިހާރުވެސް 61 ރަށެއްގައި ވާރޭފެން ނަގާ ރައްކާ ކުރެވޭނެ ނިޒާމްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގޮށް މިނިސްޓަރ ވިދާޅުވީ ވާރޭ ފެނުގެ އިތުރުން ލޮނުފެނުން މީރުފެން އުފައްދާ ފެން ޕްލާންޓާއެކު ފެން ރައްކާ ކުރާ ތާނގީ ބެހެއްޓުމުގެ މަސައްކަތް 19 ރަށެއްގައި ކުރިއަށްދާކަމަށެވެ.
ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމް ފޯރުކޮށްދިނުމުގެ އިތުރުން ނަރުދަމާ ނިޒާމް ޤާއިމްކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިހާރުވެސް 44 ރަށެއްގައި އެކަމުގެ ޢަމަލީ މަސައްކަތް ކުރަމުންދާކަމަށާއި މި ރަށްރަށުގެ މަސައްކަތް ނިންމުމުން އާބާދީގެ 76 އިންސައްތަ އަށް ރައްކާތެރިގޮތުގައި ނަރުދަމާގެ ޚިދުމަތް ލިބެމުންދާނެކަމަށެވެ.