ޚަބަރު

ޤައުމީ ތާރީޚު ސުވާލު މުބާރާތް ނިންމާލައިފި


ދިވެހިރާއްޖެއާ ބެހޭ ގިނަ މަޢުލޫމާތު އުނގެނުމާއި ރާއްޖޭގެ ތާރީޚާއި ދިވެހި ބަސް އެނގުމަކީ ސްކޫލްތަކުގެ ދަރިވަރުންނާއި ވަކިވަކި ފަރުދުންނަށް އެނގެން މުހިންމު ކަމެކެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ ތާރީޚު އެނގުމަކީ އަދި މާ މުހިންމުކަމެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ރާއްޖޭގެ ތާރީޚާ ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީ އެ ދަރިވަރުންނަށް ވާދަވެރި ކަމާއެކު ތާރީޚާ ބެހޭ ސުވާލު މުބާރާތެއް ބޭއްވުމަކީ ގިނަ މަޢުލޫމާތުތަކެއް އެ ދަރިވަރުންނަށް ލިބިގެންދާނެ ކަމެކެވެ. އެގޮތުން ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމްކޮށްގެން ބޭއްވި އަލްޤާޟީ ޙަސަން ތާޖުއްދީން ފުރަތަމަ ޤައުމީ ތާރީޚު ސުވާލު މުބާރާތް ވެގެންގޮސްފައިވަނީ ރާއްޖޭގެ ތާރީޚާ ބެހޭ ގިނަ މަޢުލޫމާތުތަކެއް މި މުބާރާތުގައި ބައިވެރިވި ދަރިވަރުންނަށް ލިބިގެންދިޔަ މުބާރާތަކަށެވެ.

މި މުބާރާތުގައި ރާއްޖޭގައި އިހުގައި ރަސްކަން ކުރެއްވި ބޭފުޅުންނާއި އެބޭފުޅުންގެ އާއިލާއާއި، ރާއްޖެއަށް އެކި ދުވަސްވަރު ވެރިވެގަނެފައިވާ ބޭރުގެ ހަނގުރާމަވެރިންނާއި މި ހަނގުރާމަތަކުން ރާއްޖެ ސަލާމަތްކޮށްދިން ބަޠަލުންގެ ނަންތަކާއި، ތާރީޚުތަަކާއި، ދިވެހި ޖުމްޙޫރިއްޔާގެ އެހާރާއި މިހާރުގެ ރައީސްކަން ކުރައްވާފައިވާ ބޭބޭފުޅުންނާ ބެހޭ ގިނަ މަޢުލޫމާތުތަކެއް ހިމެނޭ ސުވާލާއި އޭގެ ޖަވާބުތައް ވަނީ ހިމަނާފައެވެ.

މި މުބާރާތުގެ މުހިންމުކަމާ ބެހޭގޮތުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، ސްކޫލްތަކުގެ ދަރިވަރުންނަށް ރާއްޖެއާ ބެހޭ މަޢުލޫމާތު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމާއި ރާއްޖެއަކީ ކޮންތަނެއްކަން ކުދިންނަށް ދަސްކޮށްދިނުން ކަމަށެވެ.

ކާބަފައިން މިޤައުމަށް ވެދީފައިވާ މަތިވެރި ޖިހާދާއި ޤުރުބާނީގެ ކަންކަން މިހާރުގެ ޖީލަށް އުނގަންނައި ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާ އަޝްރަފް ވިދާޅުވީ އެކަންކަމުގެ ސަބަބުން ޤައުމުގެ ތާރީޚާއި ޙައިސިއްޔަތު އެނގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އޭގެ ތެރެއިން ޤައުމުދެކެ ލޯބިވުމާ، އެކުވެރިކަން އާލާވުމާ، އެއްބައިވަންތަ ރޫޙެއްގައި މާދަމާއަށް ނުކުންނަ ޖީލެއް މިދަނީ، އެހެންވީމަ އެކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އުފައްދާ އެކުދިންނަށް ދިވެހި ތާރީޚުގެ ގިނަގުނަ މައުލޫމާތުތަކަށް ކުދިން އަހުލުވެރިކުރުން. އެހެންވީމަ އެ މަޤްސަދު އަޅުގަނޑު ހިތުން މި މުބާރާތުގެ ތެރެއިން ވަރަށް ރަނގަޅަށް ފެނިގެން ހިނގައްޖެ." ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވިއެވެ.

ބަހުގެ އެކަޑަމީން ބޭއްވި މި މުބާރާތަކީ ސްކޫލުތަކުގެ ދަރިވަރުންނަށް ޢަމާޒުކޮށްގެން ހިންގުނު މިފަދަ ފުރަތަމަ މުބާރާތަށްވާއިރު، އެ ދަރިވަރުންވެސް ވަނީ މިފަދަ މުބާރާތަކުން ދަރިވަރުންނަށް ލިބުނު މައުލޫމާތު ޙިއްސާކޮށްފައެވެ. ދިވެހި ތާރީޚު އެއީ ކޮންމެ ދިވެއްސަކަށްވެސް އަދި ކޮންމެ ސްކޫލް ދަރިވަރަކަށްވެސް އެނގުން މުހިންމު ކަމެއްގެ ގޮތުގައި އެދަރިވަރުންވެސް ފާހަގަކުރެއެވެ. ހަމައެއާއެކު ސްކޫލްތަކުގެ މެދުގައި ބޭއްވި މި މުބާރާތް ސްކޫލްތަކުގެ އިންޓަރ ހައުސް ފެންވަރުގައި ބޭއްވުން މުހިންމުކަން ދަރިވަރުން ފާހަގަކުރިއެވެ.

މި މަހުގެ 20 އިން ފެށިގެން 24 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި މާލޭގެ ގިނަ ސްކޫލްތަކެއްގެ އިތުރުން އަތޮޅުތެރޭގެ ގިނަ ސްކޫލްތަކަކުން މި މުބާރާތުގައި ބައިވެރިވިއެވެ.

ދިވެހި ބަހުގެ އެކަޑަމީން ބުނީ މިއަހަރު ބޭއްވި މި މުބާރާތުގެ އަލީގައި ކުރިއަށް އޮތް ތަނުގައި ދިވެހި ތާރީޚާއި ޘަޤާފަތް އުނގަންނައިދިނުމަށް ތަފާތު އެކި މުބާރާތްތައް ސްކޫލްތަކުގެ ދަރިވަރުންނަށާއި ކޮލެޖް އަދި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ޢަމާޒުކޮށްގެން ބާއްވާނެ ކަމަށެވެ.