ދީނާއި އަޅުކަން

"ރިސާލާތު ޢައްމާން"ގެ 38 ވަނަ ބައްދަލުވުމުގައި ރާއްޖެ


އުރުދުންގެ ރަސްގެފާނުގެ ބެއްލެވުމުގެ ދަށުން ދީނީ ޢިލްމުވެރިން ތާޒާކުރުމަށްޓަކައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ރިސާލާތު ޢައްމާން"ގެ 38 ވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް ރާއްޖެއިން 2 ބޭފުޅަކު އުރުދުންއަށް ފުރައިފިއެވެ.

މިމަހުގެ ފަންސަވީހުން ފެށިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި ރާއްޖެއިން ބައިވެރިވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ދެ މެމްބަރުންކަމަށްވާ އައްޝައިޚް ޙަސަން ތައުފީޤާއި އައްޝައިޚް އިސްޙާޤް މުޙައްމަދުފުޅެވެ.

މި މަހާސިންތާގެ ބޭނުމަކީ އިސްލާމް ދީނަކީ މެދުމިނުގެ ދީނެއްކަން މީސްތަކުންނަށް ބަޔާންކޮށްދިނުމާއި އިސްލާމްދީނަކީ ހައްދުފަހަނައަޅައި ދިއުމާއި ޓެރަރިޒަމާ ބީރައްޓެހި ދީނެއްކަން މީސްތަކުންނަށް ބާޔާންކޮށްދިނުމެވެ. މީގެއިތުރުން ދީނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައްވެސް ހިމެނެއެވެ. މި މަހާސިންތާގައި މުހިއްމު މައުޟޫތަކަށް މަޝްވަރާކުރުމާއި މަސައްކަތު ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން ކަމާގުޅުންހުރި މުހިންމު ތަންތަނަށް ޒިޔާރާތް ކުރުމާއި ތާރީޚީ ތަންތަނަށް ޒިޔާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

"ރިސާލާތު ޢައްމާން" އަކީ އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ބިން ޙުސައިން 2ގެ ބެއްލެވުމުގެ ދަށުން ޢަރަބި އަދި އިސްލާމީ ޤައުމުތަކުގައި އޮންނަންޖެހޭ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދީނީ ޢިލްމުވެރިންނާއި ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވަމުންދާ ދާޢިންނަށް އަމާޒުކޮށްގެން އިސްލާމްދީނާ ބެހޭ މަޢުލޫމާތު ފޮރުކޯށްދިނުމަށް 26 ރަމަޞާން 1425ގައި ފަށާފައިވާ ހަރަކާތެކެވެ.