ކުޅިވަރު

ބ.ފެހެންދޫ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރަށް!


ޒޯން ފައިނަލްގައި ރ.މީދޫ ބަލިކޮށް، ބ.ފެހެންދޫ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުން ޖާގަ ހޯދައިފިއެވެ.
އެސްޓިއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން 3 ގެ ފައިނަލްގައި އިއްޔެ ހަވީރު ރ.މީދޫއާއި ފެހެންދޫ ވާދަކުރި މެޗު ފެހެންދޫ ކާމިޔާބުކުރީ 3-2 ނެވެ. މެޗުގައި ފެހެންދޫން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ އާދަމް ނިޒާމްއެވެ. އަނެއް ލަނޑު ޖަހައިދިނީ ހުސައިން ޝިފާހުއެވެ. ރ.މީދޫ ޓީމްގެ ދެ ލަނޑު ޖަހައިދިނީ އަހުމަދު އާސިފާއި، ނާޖިހު މުހައްމަދުއެވެ. ޒޯން ތިނެއްގައި ދެން ވާދަކުރީ ޅ.ނައިފަރެވެ.
މުބާރާތުގައި މިހާތަނަށް އަތޮޅުބުރާއި ޒޯން ބުރު ކުޅުގެން ހަތަރު ޓީމެއް ވަނީ ފައިނަލު ބުރުން ޖާގަ ހޯދާފައެވެ. އެއީ ޒޯން އެކެއްގެ ޗެމްޕިއަން ހއ.މުރާދޫއާއި، ޒޯން ދޭއްގެ ޗެމްޕިއަން ށ.ފޯކައިދޫއާއި، ޒޯން ތިނެއްގެ ޗެމްޕިއަން ބ.ފެހެންދޫގެ އިތުރުން ޒޯން ފަހެއްގެ ޗެމްޕިއަން ފ.ނިލަންދޫއެވެ.