ކުޅިވަރު

ޤައުމީ ވޮލީ ޓީމްގެ ކެޕްޓަނަކަށް ލޯންގޭ!


ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ދާ ސީނިއަރ ޤައުމީ ވޮލީ ޓީމްގެ ކެޕްޓަނަކަށް އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ހަމަޖައްސައިފި. ޓީމްގެ ވައިސް ކެޕްޓަނަކަށް ހަމަޖެއްސީ ޒުވާން ކުޅުންތެރިޔާ އަލީ ހުޒާމް. ތަޖުރިބާކާރު ކުޅުންތެރިޔާ ލޯންގޭގެ ކެޕްޓަންކަމުގެ ދަށުން ނިކުންނަ ޓީމްގައި މިފަހަރު ގިނައީ ޒުވާން ކުޅުންތެރިން. ޓީމްގެ އެވްރެޖް އުމުރަކީ 23 އަދި 25 އަހަރު. ޓީމްގެ އެންމެ ސީނިއަރ ކުޅުންތެރިއަކީ ލޯންގޭ. ޓީމްގެ ކޯޗިންގ ސްޓާފުންގެ ތެރޭގައި ތިބީ އޭނާއާއެކު ޤައުމީ ޓީމަށް ކުޅުނު ކުޅުންތެރިން. ސިނިއަރ ވޮލީ ޓީމް އެކުލަވާލާފައިވަނީ މިމަހުގެ އެކާވީސްވަނަ ދުވަހު ބަނގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް. ފަރިތަކުރުންތަކަށް ވަގުތު ނުދެވޭތީ، ރާއްޖޭގެ އެއް ނަންބަރު ވޮލީ ކުޅުންތެރިޔާ އިސްމާޢީލް ސާޖިދު ވަނީ މިފަހަރުގެ މުބާރާތަށް ނުދާން ނިންމާފަ. މީގެ އިތުރުން ސެޓަރު އަދި ކުރީގެ ކެޕްޓަން އިޝާން މުޙައްމަދު (ބަޓިސް) ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފަ. މިފަހަރުގެ ސީނިއަރ ވޮލީ ސްކޮޑްގައި ޒުވާން ގިނަ ކުޅުންތެރިން ހިމެނޭއިރު، ކެޕްޓަން ލޯންގޭ ފާހަގަކުރާ ގޮތުގައި މިއީ އެންމެ އަހުލާޤު ރަނގަޅު ސްކޮޑް. މީގެ ކުރިންވެސް ގައުމީ ސީނިއަރ ވޮލީ ޓީމްގެ ކެޕްޓަންކަން ކޮށްފައިވާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނީ އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ ސްކޮޑް ތަވާތުވާނެކަމަށް. މިފަހަރުގެ ސްކޮޑްގައި ޒުވާން ގިނަ ކުޅުންތެރިން ހިމެނުމުން، މަސައްކަތުގެ ރޭޓް ކުރިއަށް ވުރެ ރަނގަޅުވާނެކަމަށާއި، އުއްމީދަކީ ސީދާ ތަށިކަމަށް ލޯންގޭ ބުނި. އަދި ކެޕްޓަންކަން ލިބުމުން ކުރިއަށް ވުރެއް ބޮޑަށް ޓީމް ގޮވައިގެން މަސައްކަތް ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުންދާކަމަށް އަހުމަދު އަބްދުލް ކަރީން ލޯންގޭ ބުނި.

"ކެޕްޓަންކަން ލިބުމުން، އިތުރަށް މަސައްކަތް ކުރަންޖެހޭ. ކުރިންވެސް ޓީމްގެ ކުޅުންތެރިން ވަރަށް ބުނާ ގޮތްހަދާ، އެހެންވީމަ ކެޕްޓަންގެ ހައިސިއްޔަތުން ވަރަށް ފަސޭހަ ޓީމް ގޮވައިގެން މަސައްކަތް ކުރުމަށް. މިފަހަރުގެ ޓީމް ވަރަށް ބޮޑަށްވަނީ އެކުލަވާލާފަ، ޓީމް ވަންތަކަން ވަރަށް ބޮޑަށް އެބަހުރި. ވައިސް ކެޕްޓަނަށް ހުޒާމް ހުރުމުންވެސް އެއީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް."