ކުޅިވަރު

އަޚްލާޤު ރަނގަޅު ވޮލީ ޓީމަކާއެކު، ތަފާތު ފެނިއްޖެ - ކޯޗު


މިފަހަރު އެކުލަވާލާފައިވަނީ އެންމެ މޮޅު ޓީމް ނޫންކަމަށާއި، މިފަހަރު އެކުލަވާލާފައިވަނީ އެންމެ އަޚުލާޤު ރަނގަޅު ވޮލީ ޓީމްކަމަށް ޤައުމީ ވޮލީ ޓީމްގެ ކޯޗް މުހައްމަދު ސާޖިދު ބުނެފިއެވެ.
ރޭ ޤައުމީ ވޮލީ ޓީމް އިޢުލާންކުރުމަށްފަހު ނޫސްވެރިންނާ ވާހަދަކައްކަމުން ކޯޗް މުހައްމަދު ސާޖިދު ބުނީ ސެންޓްރަލް ޒޯންއަށް ތައްޔާރުވުމަށް އެންމެ ފުރަތަމަ ފަރިތަކުރުންތައް ފެށިއިރުވެސް އެންމެ ބޮޑަށް އިސްކަންދީފައިވާނީ އަހުލާޤަށްކަމަށެވެ. މީގެ ކުރިން ޓީމް އެކުލަވާލާއިރު ބަލަނީ އެންމެ މޮޅު ޓީމް ނެގޭތޯކަމަށާއި، އެގޮތަށް ޓީމް އެކުލަވާލުމުން ވަރަށް ގިނަ މައްސަލަތައް ދިމާވާކަމަށެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އެންމެ ފުރަތަމަވެސް ޓީމް އެކުލަވާލުމުގައި ވިސްނާފައިވަނީ އަހުލާގު ރަނގަޅު ޓީމެއް އެކުލަވާލަންކަމަށް ޤައުމީ ޓީމްގެ ކުރީގެ ކެޕްޓަން ބުންޏެވެ. މިއަޒުމްގައި މަސައްކަތް ކުރުމުން، ޓީމް އެކުލަވާލުމާ ހަމައަށް އައިއިރު، ޓީމްގެ ހާޒިރީ އާދަޔާ ހިލާފަށް ރަނގަޅުވެ، 98 ޕަސެންޓްގައި ހިފެހެއްޓިފައިވާކަން ކޯޗު ފާހަގަކުރިއެވެ.

"ކާމިޔާބީއަކާ ހަމައަށް ދެވޭނީ ފުރަތަމަ އަހުލާޤު ރަނގަޅުކޮށްގެން. މިފަހަރު މިގެނެވުނު ބަދަލަކީ ރަނގަޅު ބަދަލެއް. 98 ޕަސެންޓް ހާޒިރީ ރެކޯޑެއް ހެދުމުން، ކުޅުންތެރިން ކުޅެން ބޭނުންވެފައިވާ މިންވަރު ވަރަށް ރަނގަޅަށް އެނގިގެންދޭ. މިފަހަރު މިޓީމް ތަފާތު ދައްކާނެ. ތަޖުރިބާ ކާރު ކުޅުންތެރިންނަށް ޒުވާން ކުޅުންތެރިން ބޭނުންވޭ ޗެލެންޖެއް ދޭން، އެކުޅުންތެރިންނަށް ވުރެ މޮޅަށް ކުޅެން. ކުރިއަށް އޮތް ކޭމްޕްގައިވެސް އަހުލާގު ހިފަހައްޓަން ވަރަށް މަސައްކަތް ކުރާނަން." ކޯޗު ބުންޏެވެ.

މިމަހުގެ 21 ވަނަ ދުވަހު ބަނގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް، ދިއުމުގެ ކުރިން ޤައުމީ ވޮލީ ޓީމް ތައިލެންޑްގައި ކޭމްޕް ކުރުމަށްވަނީ ހަމަޖެހިފައެވެ.