ކުޅިވަރު

ބެންގަލޫރު މެޗަށް އަޝްފާޤު ހުރީ ފިޓްކޮށް: އޮސްކާ


އަލީ އަޝްފާޤަކީ ނިއުރޭޑިއަންޓްގެ އެންމެ މުޙިއްމު ކުޅުންތެރިޔާކަމަށާއި، އޭނާއަކީ ލީޑަރެއްކަމަށް ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބުރޫޒަން ބުނެފިއެވެ.

އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ބެންގަލޫރުގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް ފުރުމުގެ ކުރިން އޮސްކާ ބުނީ އަޝްފާޤު ދަނޑުމަތީގައި ހުރުމުންވެސް ކުޅުންތެރިންނަށް ހިތްވަރު ލިބޭކަމަށެވެ. ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ މުޙިއްމު މެޗަށް ނިއުގެ ކެޕްޓަން އަޝްފާޤު ފިޓްކަމަށާއި، އޭނާ ހުރީ މެޗަށް ފުރިހަމައަށް ތައްޔާރަށްކަމަށްވެސް ކޯޗު އޮސްކާ ބުންޏެވެ.

"އަހަރެން މާބޮޑަށް ބަލާކަށް ބޭނުމެއް ނޫން ޤައުމީ ކޯޗު ކަންތައްތައް ކުރި ގޮތް. މީގެ އަސްލު އެބަޖެހޭ ހާމަކުރަން، އަސްލު އަޝްފާގް ޤައުމީ ޓީމްއިން ބޭރު ކުރީ ކީއްވެގެންތޯ. މިއީ ފޮރުވުމަށް ވުރެ ހާމަކުރުން މާ މުހިންމުކަމެއް. އަހަރެއް ގައުމީ ޓީމްގެ ކޯޗްއަކަށް ހުރިނަމަ، އަޝްފާގް ހުންނާނެ އަދި އޭނާވަނީ ޤައުމީ ކެޕްޓަނަށް. ބެންގަލޫރު މެޗަށް އޭނާ ހުރީ ފިޓްކޮށް " އޮސްކާ ބުންޏެވެ.

އޭޝިޔަންކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އަޝްފާޤު ސްކޮޑުން ބާކީ ކޮށްފައިވާތީ އޮސްކާ ބުނީ ޤައުމީ ކޯޗްގެ ނިންމުމަށް އެއްވެސް ކޮމެންޓްއެއް އަދި ފާޑެއް ކިޔަންވެސް ބޭނުން ނުވާކަމަށެވެ. ނަމަވެސް ޤައުމީ ކޯޗު ޕީޓާރ ސެގާޓަށް ވުރެ ބޮޑަށް އަލީ އަޝްފާޤު އިނގޭކަމަށް އޮސްކާ ބުންޏެވެ.