ޚަބަރު

ޤާނޫނީ ފަންނުގެ ބިލާއެކު ވަކީލުންގެ ކަންކަން ބަލަހައްޓާނީ ބާ ކައުންސިލަކުން- އޭޖީ


ރާއްޖޭގައި ޤާނޫނީ ފަންނުގެ ބިލެއް އެކުލަވާލަނީ، ބާ ކައުންސިލެއްގެ ބެލުމުގެ ދަށުން ވަކީލުންގެ ކަންކަން ބެލެހެއްޓޭނެ ގޮތަށްކަމަށް އެޓާނިޖެނެރަލް އަލްއުސްތާޒް މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކޯޓުތަކުގައި ވަކާލާާތުކުރުމުގެ ހުއްދަ އިތުރު 173 ފަރާތަކަށް ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ބަނޑާރަނާއިބް ވިދާޅުވީ، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބޭ ކޮންމެ މިހަކީވެސް ރާއްޖޭގެ ކުރިއެރުމާއި، ތަރައްޤީއަށް ޚިދުމަތްކުރައްވާ މީހަކަށްވާންޖެހޭކަމަށެވެ. ޤާނޫނީ ދާއިރާއިން ފަސްޓް ޑިގްރީ ހާސިލް ކުރުމާއެކު ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ޙުއްދަ ލިބިގެންދާކަމަށާއި، ނަމަވެސް ދުނިޔޭގެ އެހެން ގިނަ ޤައުމުތަކުގައި މިކަން އޮންނަނީ ތަފާތުކޮށްކަމަށެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި ޤާނޫނީ ދާއިރާއިން ކިޔަވާ އެންމެން ވަކީލަކަށް ނުވާކަން ފާހަގަކުރައްވަމުން ބަންޑާރަނާއިބް އަނިލް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނީ ފެޓަރނިޓީއަށް އަންނަމުންމިދާ ބަދަލުތަކާއި، އަލަށް ގެންނަންމަސައްކަތްކުރާ ޤާނޫނުތަކާއެކު، ޤާނޫނީ ވަކީލަކަށް ވުމަށް އިތުރު މަރުހަލާތަކެއްވެސް ކަޑައްތުކުރަންޖެހޭކަމަށެވެ.

"
ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ފަންނަކީ، ބާ ކައުންސިލެއްގެ ބެލެހެއްޓުމުގެ ދަށުން ހިނގާނެ މަސައްކަތްތަކަށް ހެދުމަށް އަޅުގަނޑުމެން މިދަނީ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއި އެކީގައި މިބިލް ދިރާސާކޮށް ނިންމުމުގެ މަސައްކަތް ކުރަމުން"
ބަންޑާރަ ނައިބް

ބަންޑާރަނާއިބު ވިދާޅުވީ ޒަމާނީ ތަރައްޤީއާއެކު ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޤާނޫނީ ދާއިރާގެ ކަންކަން ކުރިއަށްގެންދާގޮތަށް ރާއްޖޭގައިވެސް އެކަންކަން ކުރިއަށްގެންދިއުމަށް ބޭނުންވާ ގާނޫނުތަކާއި ޤަވާއިދުތަށް ހެދުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. މިގޮތުން މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ޤާނޫނީ ފަންނުގެ ބިލް ޤާނޫނަކަށް ވެގެންދާއިރު، ބާ ކައުންސިލެއް އުފެދި ވަކީލުން ރެގިއުލޭޓް ކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ.

ވަކީލުންގެ ގޮތުގައި އަލަށް މުޖުތަމައަށް ނިކުންނައިރު، ދައުލަތުގެ އެކިއެކި އިދާރާތަކުގައިވެސް ޤާނޫނީ ދާއިރާގެ ތަފާތު ރޮނގުރޮނގުން މަސައްކަތްކުރުމުގެ ފުރުސަތާއި ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރުމުގެ މަގު ފަހިވެފައިވާކަންވެސް ބަންޑާރަނާއިބް ވަނީ ފާހަގަކުރައްވާފައެވެ. އަދި ޤާނޫނީ ދާއިރާއަށް ނުކުމެވަޑައިގަންނަވާއިރު، ކޮންމެ ބޭފުޅަކީވެސް ޚާއްސަ އިލްމަކާއެކު، ޚާއްސަ ހުނަރުހުރި ބައެއްކަން ހާމަކޮށްދިނުން މުހިންމުކަމުގައި އަނިލް ވަނީ ވިދާޅުވެފައެވެ.