ރާއްޖޭގެ ތާރީހީ ތަރިކަތައް ހިމާޔަތްކޮށް އެ ފަދަ ތަންތަނާއި ބެހޭ މައުލޫމާތުތައް އެއްކޮށް ދިރާސާކުރުމަށް އިނގިރޭސިވިލާތުގެ ދަ އޮކްސްފޯޑް ސެންޓަރ ފޯ އިސްލާމިކް ސްޓަޑީޒު އާއި ހަވާލުކޮށްފިއެވެ. "މޯލްޑިވްސް ހެރިޓޭޖް ސާވޭ"ގެ ނަމުގައި ކުރިޔަށް ގެންދާ މި ދިރާސާތަކުރުމަށް ދަ އޮކްސްފޯޑް ސެންޓަރ ފޯ އިސްލާމިކް ސްޓަޑީޒުއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
ޤައުމީ ދާރުލްއާސާރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. އައިޝަތު ޝިހާމެވެ. އަދި އޮކްސްފޯޑް ސެންޓަރ ފޯ އިސްލާމިކް ސްޓަޑީޒްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް ލީޑަރ ޕްރޮފެސަރ މައިކަލް ފީނޭއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ދިވެހިންނަކީ ޒަމާންވީ ދިގު ތާރީޚަކާއި ކުރިއަރާފައިވާ ހަޟާރަތެއް އޮތް ބައެއް ކަމަށެވެ. ދިވެހީންގެ ކުޅަދާނަ މަސައްކަތްތެރިކަމާއި ރާއްޖޭގެ ދޮށިކަމުގެ ވާހަކަތައް ވަރަށް ގިނަ ޢިލްމުވެރިން ލިޔުއްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިވާހަކަތަކުގެ ހަޤީޤަތް ސާބިތުކޮށްދޭނެ ކަންކަމާއި ތަންތަނަކީ އަޅުގަނޑުމެންގެ ކާބަފައިން ދޫކުރައްވާފައިވާ ތަރިކަތަކެއްކަމަށާއި އެހެންކަމުން ރާއްޖޭގައި ހުރި އާސާރީ ތަންތަން އެންމެ ރަނގަޅަށް ހޯދާ ބަލަންޖެހޭ ކަމަށްވެސް މިނިސްޓަރ އައިޝަތު ޝިހާމު ވިދާޅުވިއެވެ.
""ރާއްޖޭގެ ހުރި އާސާރީ ތަންތަން އެންމެ ރަނގަޅަށް ހޯދައި ބެލިއްޖެނަމަ ރާއްޖެ އާއި ބެހޭގޮތުން ދުނިޔޭގެ ތާރީޚުގެ މުޅިން އައު ސަފްޙާއެެއް ހުޅުވިގެންދާނެ. މިފަދަ ތަނަކުން ލިބޭ މަޢުލޫމާތަކީ އަގުކުރެވޭނެ ކަމެއް ނޫންކަން. އެއީ މިދާއިރާ އަދި ދާއިރާއާއި ގުޅުންހުރި އެންމެން ޤަބޫލުކުރާނެ ހަޤީޤަތެއް." އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިޔަށް ގެންދާ ސާވޭގައި އިންސާނުންގެ އަމަލުތަކާއި ޤުދުރަތީ ގޮތުން ގެއްލުން ލިބިދާނެކަމަށް ބެލެވޭ ތަރިކަތަކާ ގުޅޭ މައުލޫމާތު ތަރުތީބުކޮށް ހަރުދަނާކަންމަތީ ރައްކާ ކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މިސްކިތްތަކާއި މަހާނަ ގާތަކާއި ހަތްތެލި ފަދަ ތަންތަން ޑިޖިޓަލީ ފޮޓޯ ނެގުމާއި، ތްރީޑީ ޓެރެސްޓްރިއަލް ސްކޭން ކުރުމުގެ އިތުރުން ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމެއް ޤާއިމުކުރުން ހިމެނެއެވެ.
މި އެއްބަސްވުމުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. އަދި މި މުއްދަތުގެ ތެރޭގައި އޮންލައިން ޑޭޓާ ބޭސް އެކުލަވާލާ ނިންމަންޖެހެއެވެ.