ކުޅިވަރު

އެއްލައްކަ ރުފިޔާ ލިބޭ ޔޫތު ސިޓީ ފުޓްސަލް ކަޕްގައި 136 ޓީމް!


ޗެމްޕިއަންޓީމަށް 100،000 ރުފިޔާ ލިބޭ ޔޫތް ސިޓީ ފުޓްސެލް ކަޕް 136 ޓީމާއެކު އަންނަ ހުކުރު ދުވަހު ފަށަން ނިންމައިފިއެވެ.

މުބާރާތުގެ ގުރުލުން ރޭ ވަނީ ޔޫތުސިޓީގައި ކުރިއަށްގެންގޮސްފައެވެ. މިއަހަރު މުބާރާތުގައި 136 ޓީމެއް ބައިވެރިވެފަވާއިރު، އޭގެތެރޭގައި އަންހެން 16 ޓީމެއް ހިމެނެއެވެ. މިއީ މުބާރާތުގައި އަންހެން ޑިވިޝަން ހިމެނި ފުރަތަމަ ފަހަރެވެ. މިއަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަން ކުޅޭނީ ނޮކް އައުޓް އުސޫލުންނެވެ. އެހެންނަމަވެސް އަންހެން ޑިވިޝަން ކުރިޔަށްދަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާފައިނަލުން ޖާގަ ލިބޭގޮތަށެވެ.
މުބާރާތުގައި އަތޮޅުތެރެއިން ވެސް ވަނީ ޓީމްތައް ބައިވެރިވެފައެވެ. މީގެއިތުރުން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ގްރީންސް ސްރީޓްސް ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. މިދިޔައަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީމް ބަޖިޔާއެވެ.
މުބާރާތުގެ ދެވަނަ ޓީމަށް 50،000 ރުފިޔާ އަދި ފެއަރޕްލޭ ޓީމަށް 25،000 ރުފިޔާ އެޗްޑީސީން ވަނީ ކަނޑައަޅުއްވާފައެވެ.

މިއީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މުބާރާތެކެވެ. އެޗްޑީސީން ބުނީ ޔޫތް ސިޓީގެ ގޮތުގައި ހުޅުމާލެ ތަރައްޤީވެގެން އަންނައިރު ސަރުކާރުގެ ތަޞައްވަރާ އެއްގޮތްވާގޮތުގެ މަތީން މިފަދަ ފުރުޞަތުތައް ޒުވާނުންނަށް ހުޅުވާލާ، ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަ މަސައްކަތްތައް ކުރުމަށް އިސްކަންދެއްވާކަމަށެވެ. މިފަހަރުގެ މުބާރާތުގައި 2500 އެއްހާ ޒުވާނުން ބައިވެރިވާނެކަމަށް އެޗްޑީސީން ލަފާކުރައްވައެވެ.
ތިން ހަފްތާއަށް ދެމިގެންދާ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ ޕީއެސްއެމްއެވެ.