ކުޅިވަރު

ޖޫނިއަރ އިންވިޓޭޝަނަލް ބާސްކެޓް މުބާރާތެއް މިމަހު ބާއްވަނީ


ރާއްޖޭގެ ފުރަތަމަފަހަރަށް ޖޫނިއަރ ކުޅުންތެރިންނަށް އިންވިޓޭޝަނަލް ބާސްކެޓް މުބާރާތެއް ބާއްވަން ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފިއެވެ.

މިހާރު ކުރިޔަށްދާ އިންޓަރ ސުކޫލް ބާސްކެޓް މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ގަދަ ހަތަރު ޓީމާއި، އަންހެން ގަދަ ހަތަރު ޓީމު ވާދަކުރަން ހަމަޖެހިފައިވާ މުބާރާތާ ގުޅޭގޮތުން 16 އަހަރުންދަށުގެ ޤައުމީ އަންހެން ބާސްކެޓް ޓީމްގެ ކޯޗު އިލްޔާސް އިބްރާހީމް (އިއްލަ) ބުނީ މިއީ ކޯޗުންނާއި އަދި ކުޅުންތެރިންނަށްވެސް ވަރަށް ބޭނުންތެރި މުބާރާތެއްކަމަށެވެ.
އިއްލަ ބުނީ ސުކޫލް މުބާރާތްތަކުން ލިބޭ ހަތަރު ނުވަތަ ފަސް މެޗަކުން ހަޤީގީ ފެންވަރު ވަޒަންކުރަން ދަތިވާނެކަމަށާއި، މިކަހަލަ މުބާރާތްތައް ވެގެންދާނީ އެކުޅުންތެރިން އެންމެ މޮޅު ހުނަރުތައް ދައްކާލަން ލިބޭނެ ފުރުސަތަކަށްކަމަށެވެ. މިމުބާރާތުގެ ސަބަބުން ކުރިޔަށް އޮތް ތަނުގައި 16 އަހަރުން ދަށުގެ ޤައުމީޓީމަށްވެސް ފައިދާތަކެއް ކުރާނެކަމަށާއި ހާއްސަކޮށް މިލެވެލްގައި މުބާރާތެއްގައި ވާދަކުރުން އެއީ އެކުދިންގެ ހުނަރު އިތުރަށް ކުރިއަރައި ދިޔުމަށް ލިބޭނެ ފުރުސަތެއްކަމަށް އިންޓަރ ސުކޫލް މުބާރާތުގައި ވާދަކުރަމުންދާ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސުކޫލްގެ ކޯޗު ބުންޏެވެ.

" ހަމަ އަބަދުވެސް ދައްކުމުން އަންނަ ވާހަކައެއް މިއީ ކޯޗުންނާ ބެލެނެވެރިން، އިންޓަރ ސުކޫލްގައި މިލިބޭ ފަސްމަޗަކުން ނޭގޭނެ އަސްލު ފެންވަރެއް ، މިއީ ކުޅުންތެރިންގެ ފެންވަރު ވަޒަންކޮއްލަން ލިބޭނެ ރަނގަޅު ފުރުސަތެއް." އިއްލަ ބުންޏެވެ.

މުބާރާތުގައި ވާދަކުރާނީ ލަންކާގެ އަންހެން ޓީމަކާއި ފިރިހެން ދެ ޓީމެވެ. މީގެ އިތުރުން ރާއްޖޭއިން މިމުބާރާތުގައި ވާދަކުރާނީ 16 އަހަރުން ދަށުގެ އަންހެން ސެމީފައިނަލުގައި ވާދަކުރާ ކަލާފާނު ސުކޫލާއި، އިޔާސުއްދީން ސުކޫލާއި، އިސްކަންދަރު ސުކޫލް އަދި އިމާދުއްދީން ސުކޫލެވެ.
މުބާރާތުގައި ރާއްޖޭއިން ވާދަކުރާ ފިރިހެންޓީމް ތަކަކީ މަޖީދިއްޔާ ސުކޫލާއި، ގޭޓްވޭ އިންޓަރނޭޝަނަލް ސުކޫލާއި، އަހުމަދިއްޔާ ސުކޫލުގެ އިތަރުން ޢާޒީ ސުކޫލްއެވެ. މުބާރާތް ފަށާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.