ޚަބަރު

މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ރެކްޓަރ ޑރ. ޚާތިމް ރާއްޖެ ވަޑައިގެންފި


މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ރެކްޓަރ ޕްރޮފެސަރ ޑރ. ޚާތިމް އަލް-މަރްޒޫޤް ރާއްޖެ ވަޑައިގެންފިއެވެ.

މިއީ ސަޢޫދީ އަރަބިއްޔާގެ ޔުނިވަރސިޓީއެއްގެ މަތީ ފަންތީގެ ބޭފުޅަކު ރަސްމީ ޙައިސިއްޔަތުން ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ރެކްޓަރ ޚާތިމްގެ ދަތުރުފުޅާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި ދަތުރުފުޅުގައި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އާއި މަދީނާ އިސްލާމިކް ޔުނިވާސިޓީއާ ދެމެދު އެއްބާރުލުންދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޑރ.ޝަހީމް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ޢިލްމީ ގޮތުންނާއި ދިރާސާ ކުރުމުގެ ރޮނގުން ސްކޮލަޝިޕާއި މަތީ ތަޢުލީމުގެ ކަންކަން ސުޕަވައިޒްކުރުމުގެ އިތުރުން ތަފާތު އެކި ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމަށް އެ ޔުނިވަރސިޓީގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

"މި އެއްބަސްވުމަކީ މިއީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން ސަޢޫދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހަށް ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާއެކު އެއްބާރުލުން ކުރިއަށްގެންދިއުމަށް މަޝްވަރާއެއް ފޮނުވައިގެން އެމަޖިލީހުން މަޝްވަރާކުރައްވާ ކިންގ ސަލްމާން ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހަކުން ފާސްކުރައްވާފައިވާ އެއްބަސްވުމެއް. މިއީ ރިކޮމެންޑޭޝަނެއް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާ އެއްކޮށް މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން އެއްބާރުލުންދިނުމުގެ އެއްބަސްވުމެއް ޤާއިމުކުރުމަށް." ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ރެކްޓަރ ޙާތިމް ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އެ ޔުނިވަރސިޓީގެ އިސްވެރިންނެވެ.

މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އާއި އައިޔޫއެމްއާ ދެމެދު ވެވޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 10:30 އޮންނަ ޚާއްސަ ރަސްމިއްޔާތެއްގައެވެ.