ޚަބަރު

ފޯކައިދޫ އަދި ނިލަންދޫން ފައިނަލް ބުރުގެ ފެށުން ރަނގަޅުކޮށްފި


މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް ބުރުގެ ފުރަތަމަ ދެ މެޗު ށ.ފޯކައިދޫއާއި ފ.ނިލަންދޫ ކާމިޔާބުކޮށްފިއެވެ.

ފައިނަލް ބުރުގެ މެޗްތައް މިއަދު ފެށިއިރު، ދެ ގްރޫޕްގެ މެޗުތައް ކުޅެމުންދަނީ ށ.ފޯކައިދޫ އަދި ފނިލަންދޫގައެވެ. ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ފޯކައިދޫ އަދި ކ.ދިއްފުށި ވާދަކުރި މެޗު ފޯކައިދޫން ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފޯކައިދޫއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނަދީމެވެ.

ގްރޫޕް ބީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ފ.ނިލަންދޫ ނިކުތީ ތ. ތިމަރަފުއްޓާއި ދެކޮޅަށެވެ މި މެޗު ނިލަންދޫން ކާމިޔާބުކުރީ ދޭއް އެކަކުންނެވެ.

ނިލަންދޫން މެޗުގައި ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އަޒްޙާން ޙަލީލެވެ. އަދި ތިމަރަފުށި ޓީމުން ޖެހި ހަމައެކަނި ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އަހުމަދު ތޯހިރެވެ.

ގްރޫޕް އޭގައި ވާދަކުރާ ޓީމްތަކަކީ ޒޯން ދޭއްގެ ޗެމްޕިއަން ށ.ފޯކައިދޫ، ޒޯން ހަތަރެއްގެ ޗެންޕިއަން އދ.ފެންފުށްޓާއި، ޒޯން އެކެއްގެ ޗެންޕިއަން ހއ.މުރައިދޫއާއި، ޒޯން ތިނެއްގެ ޗެމްޕިއަން ބ.ފެހެންދޫގެ އިތުރުން މިދިޔަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރި އއ.މާޅޮހެވެ.

މިނިވަަން ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ޒޯން ފަހެއްގެ ޗެމްޕިއަން ފ.ނިލަންދޫ، ޒޯން ހައެއްގެ ޗެންޕިއަން ތ.ތިމަރަފުށްޓާއި، ޒޯން ހަތެއްގެ ޗެންޕިއަން ގދ.ހޯޑެއްދޫއާއި، ޒޯން އަށެއްގެ ޗެންޕިއަން ސ.ހިތަދޫގެ އިތުރުން މިދިޔަ އަހަރުގެ ޕްރިމިއަރ ލީގުގައި ވާދަކުރި ދ.ކުޑަހުވަދޫއެވެ.

މިނިވަން ޗެންޕިއަންޝިޕްގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ހަތަރަކާއި ފަސްވަނަ ދުވަހުގައެވެ. ފައިނަލް މެޗު ކުޅޭނީ މެއި މަހުގެ ދިހަ ވަނަ ދުވަހު މާލޭގައެވެ.