ކުޅިވަރު

ގޮއިދޫއާއި އޮލިމްޕިކް ކޮމިޓީގެ ގުޅުމުގެ ރަމްޒަކަށް ސްކޭޓް ޕާކެއް!


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބ.ގޮއިދޫއަށް ސްކޭޓް ޕާކެއް ހަދިޔާކޮށްފިއެވެ.

ސްކޭޓް ކުރުމަށް މަޝުހޫރު އަދި ހުނަރުވެރި ކުދިން ތިބި ބ.ގޮއިދޫއަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ސެކޭޓް ޕާކެއް ހަދިޔާކުރީ މާލެއިން ބޭރުގައި އޮލިމްޕިކް ކޮމިޓީން ބޭއްވި ފުރަތަމަ ކޮންގްރެސްގެ ހަވާސާއިން ބޭރުންނެވެ. ގޮއިދޫއަށް އޮލިމްޕިކް ކޮމިޓީން ހަދިޔާ ކުރި ސްކޭޓް ޕާކަކީ ގޮއިދޫގެ ރައްޔިތުން މަސައްކަތް ކުރާގޮތަށް، އަދި އޮލިމްޕިކް ކޮމިޓީން ތަކެތި ދޭގޮތަށް ހަދިޔާ ކުރި ސްކޭޓް ޕާކެކެވެ.

ސްކޭޓް ޕާކްގެ ބިންގާ އަޅއްވައިދެއްވީ ކުރީގެ ޔޫތް މިނިސްޓަރ ޑރ މުޙައްމަދު ޒާހިރު ހުސެއިން އާއި އޮލިމްޕިކް ކޮމެޓީގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުންނާއި، ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލްގެ އިތުރުން ކައުންސިލް މެމްބަރުންނެވެ. އޮލިމްޕިކް ކޮމެޓީ ސޮލިޑާރަޓީ ޕްރޮޖެކްޓެއް ގޮތުގައި ކުރިޔަށްގެންދާ މި ޕޮރެޖެކް ފުރަތަމަ ފިޔަވަހި ކުރިޔަށްގެންދާނީ ރާއްޖޭގެ އޮލިމްޕިކް ކޮމެޓީ ބެލުމުގެ ދަށުންނެވެ. އޮލިމްޕިކް ކޮމިޓީން މައުލޫމާތުދެއްވި ގޮތުގައި މިޕްރޮޖެކްޓު ލިބުމާއެކު ގޮއިދޫގެ ރައްޔިތުން ހުށެހެޅި ޕްރޮޕޯސަލްއަށް ބެލުމަށްފަހު ގޮއިދޫއަށް މިވަގުތު އެންމެބޮޑަށް ބޭނުންވަނީ ސްކޭޓްޕާކެއް ކަމަށްވުމުން ސްކޭޓް ބޯޑް ދުއްވުމަށް ހާއްސަތަނެއް ތަރައްޤީ ކުރުމަށް ނިންމީކަމަށެވެ.

އޮލިންޕިކް ކޮމެޓީގެ ޖެނެރަލް ސެކެރެޓަރީ އަހުމަދު މަރުޒޫޤު ވިދާޅުވީ މިމަސަކަތް ކުރިޔަށްދާނި ގޮއިދޫގެ ރައްޔިތުން ހިއްސާވާގޮތައްކަމަށެވެ. މަރުޒޫޤު ވިދާޅުވީ އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާއެކު ސެކޭޓް ޕާރކުގު ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށުމަށް އަންނަ ހަފްތާގައި ގޮއިދޫގެ ރައްޔިތުންނާ ހަވާލުކުރަންޖެހޭ ހުރިހާ ތަކެއްޗެއް ހަވާލުކުރައްވާނެކަމަށެވެ. އެހިސާބުން ފެށިގެން ގޮއިދޫގެ ރައްޔިތުން އަމަލީ މަސައްކަތް ފަށާނެކަމަށެވެ.


" އަޅުގަނޑުމެން މަސައްކަތާ ހަވާލުވެ ކުރިޔަށްގެންދާނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް. އެއީ ދެހާސް ފަސްސަތޭކަ އަކަފޫޓް. އެހެންނަމަވެސް ގޮއިދޫ ރައްޔަތިންގެ ޕެލޭނެއް ފަސްހާސް އަކަފޫޓަށް ބޮޑުކުރުން. މިކަމުގައި ގޮއިދޫގެ ރައްޔިތުންގެ އެހީތެރިކަން ވަރަށްބޮޑަށް ލިބެމުންދަނީ." މަރޭ ވިދާޅުވިއެވެ.

ސްކޭޓް އަކީ މިހާރުވެސް ގޮއިދޫގެ ކުޑަކުދިންނާ ޒުވާނުން ހަވީރު ވަގުތު ފޯރިއާއެކު ކުޅެމުން އަންނަ ކުޅިވަރެކެވެ. މިމަސައްކަތާ ގުޅޭގޮތުން ގޮއިދޫގެ ކުޅިވަރު ކުރިއެރުވުމަށް އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ނިޔާޒު ބުނީ މިސައްކަތުގައި އިސްކޮށް ހަރާކާތްތެރިވާނީ ގޮއިދޫގެ ވޯޓަރ ސްޕޯޓްސްގައި އުޅޭ ޒުވާނުންކަމަށާއި، ކައުންސިލާ ރައްޔިތުންގެ އެއްބާރުލުމާއެކު މިމސައްކަތް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

" މިއީ އަޅުގަނޑުމެން ހުށެހެޅި ޕްރޮޖެކްޓަކަށް އޮލިމްޕިކް ކޮމެޓީން ވެދެއްވި ދީލަތި އެހީއެއް. މިމަސައްކަތުގެ ދެވަނަ ފިޔަވަހި ކުރިޔަށްދާނީ ސީދާ ރައްޔިތުންގެ އެހީއާއެކު." ނިޔާޒު ބުންޏެވެ.

ފުރަތަމަ ފިޔަވަހީގެ މަސައްކަތް ދެމަސް ތެރޭގައި ނިންމާލުމަށް ގޮއިދޫ ރައްޔިތުން ވަނީ އަޒުމް ކަނޑައަޅާފައެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން ހުރިހާ މަސައްކަތާއެކު ފަސްހާސް އަކަ ފޫޓް ސޭކްޓް ޕާކު ދެ އަހަރުތެރޭގައި ނިންމާލެވޭނެކަމަށް ނިޔާޒު ބުންޏެވެ. މަސައްކަތްނިމި ސެކޭޓް ޕާކު ހުޅުވިގެންދާނީ ގޮއިދޫ އޮލިމްޕިކް ސްކޭޓް ޕާކުގެ ނަމުގައެވެ. ނިޔާޒު ބުނީ އެއީ ގޮއިދޫއާއި އޮލިމްޕިކް ކޮމިޓީގެ ގުޅުމުގެ ރަމްޒެއްކަމަށެވެ.