ކުޅިވަރު

ހިތްހަމަ ޖެހިގެން ފުރަތަމަ ބުރު މާޒިޔާ ނިންމާލައިފި


ލީގު ތާވަލްގެ އެއްވަނައަށް ޖެހިލަން އީގަލްސްއަށް ލިބުނު ފުރުސަތަށް ހުރަސްއަޅާ މާޒިޔާ އެސްޓީއޯ މާލޭ ލީގު ތާވަލްގެ ދެވަނާގައި އޮވެ ފުރަތަމަ ބުރު ނިންމާލައިފިއެވެ.

ލީގުގައި ރޭ މާޒިޔާގެ މައްޗަށް ކުރި ހޯދައިގެން ތާވަލްގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު އީގަލްސްއަށް ގެއްލުނު މެޗު މާޒިޔާ ކާމިޔާބުކުރީ 2-0 ނެވެ. ދެ ޓީމްގެ ފަރާތުންވެސް އަވަސް ކުޅުމެއް ފެނިގެންދިޔަ މެޗުގައި މާޒިޔާގެ ދެ ލަނޑުވެސް ޖެހީ މިދިޔަ އަހަރު ޓީސީއަށް ކުޅުނު ބިދޭސީ ފޯވާޑް ކޯނޭއެވެ. ހަތަރު ވަނަ މިނިޓްގައި ފުރަތަމަ ލަނޑު އެނާ ޖެހީ އީގަލްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިޔާގެވެސް ބޭރުންނެވެ. ކޯނޭ ދެވަނަ ލަނޑު ޖެހީ ޑިފެންޑަރ ކޯނޭއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
ލަނޑުޖަހާނެ އިތުރު ފުރުޞަތުތައްވެސް މާޒިޔާއިން ތަނަވަސްކުރިއެވެ. އޭގެ ތެރޭގައި ހަސަން ޝިފާޒްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވޭ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އޭގެ ފަހުން ނާއިޒު ހަސަން އީގަލްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލް ކުރިމައްޗަށް ހުރަސް ކުރި ބޯޅަ ޖަހާނެ ކުޅުންތެރިއަކު ނުވިއެވެ. އީގަލްސްއިން ލަނޑު ޖަހާނެ ފުރުޞަތު މެޗުގައި ތަނަވަސްކުރިއެވެ.

މެޗަށްފަހު މާޒިޔާގެ ކޯޗު އިސްމާޢީލް މަހުފޫޒު (އިންމަ) ބުނީ މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިތްހަމަޖެހޭކަމަށެވެ. އަދި ވަރުބަލިކަމެއް ނެތި ގޯލް ޖެހުމަށް ކުޅުންތެރިން ކުރަމުންދިޔަ ބުރަ މަސައްކަތް އޭނާ ފާހަގަކުރިއެވެ. މިއީ ވަރަށް މުހިންމު ދަނޑިވަޅެއްގައި ލިބުނު ވަރަށް މުހިންމު ތިން ޕޮއިންޓްކަމަށާއި، ފުރަތަމަ ބުރު ހިތްހަމަޖެހިގެން ނިންމާލެވިއްޖެކަމަށް އިންމަ ބުންޏެވެ.

"މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ވަރަށް ހިތްހަޖެހޭ. ކުޅުންތެރިން ތިން ޕޮއިންޓަށް ކުރި މަސައްކަތް މިމެޗުން ފެނިގެން މިދިޔައީ. މެޗުގައި ކުޅުންތެރިންގެ ގުޅުން ވަރަށް ރަނގަޅަށް ފެނިގެންދިޔަ. އަދި ކުރިއަށް ކުޅުނު ކުޅުންތެރިންގެ ގުޅުން ވަރަށް ރަނގަޅު." އިންމަ ބުންޏެވެ.

ކުލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ. މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔަނަމަވެސް، ހިތްވަރު ދެރަނުކޮށް، ގޯލެއް ޖެހުމަށް ކުޅުންތެރިން ކުރަމުންދިޔަ މަސައްކަތް އޭނާ ފާހަގަކުރިއެވެ. ރަނގަޅު ދަނޑިވަޅެއްގައި ގެއްލުނީ ވަރަށް މުހިންމު ތިން ޕޮއިންޓްކަމަށްވެސް މޯހަން ބުންޏެވެ.

"މެޗުން ބަލިވި ނަމަވެސް ކުޅުންތެރިން ކުރި ބުރަ މަސައްކަތް ފާހަގަކުރަން. އެންމެ ފަހު ވަގުތާ ހަމައަށްވެސް ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކުރި. ލިބުނު ފުރުސަތުތަކެއްވެސް، އޭގެ ބޭނުން ނުކުރެވުނީ. ފުރަތަމަ ހާފްގެ މާކުރީކޮޅު ގޯލެއް ބައިކޮޅަށް ވަނުމުން، ގިނަ އުނދަގޫތަކެއް ކުރިމަތިވީ." މޯހަން ބުންޏެވެ.

ނިއު ރޭޑިއަންޓާއި، ކުލަބް ވެލެންސިޔާ ފިޔަވާ އެހެން ހުރިހާ ޓީމަކަށް ލީގުގެ ފުރަތަމަ ބުރު މިހާރު ވަނީ ނިމިފައެވެ. ތާވަލްގެ އެއްވަނާގައި މިވަގުތު އޮތީ 13 ޕޮއިންޓާއެކު ނިއު ރޭޑިއަންޓެވެ. މާޒިޔާއާއި ޓީސީއަށްވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވުމުން އީގަލްސްވަނީ ތާވަލްގެ ފަސްވަނައަށް ވެއްޓިފައެވެ. އީގަލްސްއަށް ލިބިފައިވަނީ 11 ޕޮއިންޓެވެ.