އައްޑޫ އާއި ފުވައްމުލައް ސިޓީގައި ވެމްކޯގެ "ކެޕްސް" ޚިދުމަތް ތަޢާރްފަކުރުމަށް ތައްޔާރުވަމުންދާކަމަށް އެ ކުންފުނިން ބުނފިއެވެ. ކޯލް އެންޑް ޕިކް އަޕް ސަރވިސް ނުވަތަ "ކެޕްސް" ޚިދުމަތަކީ ގޭގެއިންނާއި، ވިޔަފާރިކުރާ ތަންތަނުން އުކާލަންޖެހޭ ގިނަ އަދަދެއްގެ ކުނި އުކާލުމަށް ވެމްކޯއިން ދެމުން އަންނަ ހިދުމަތެކެވެ. 
އަތޮޅުތަކަށް މި ހިދުމަތް ދިނުމަށް ނިންމާފައިވަނީ މާލެގައި މިހިދުމަތްތައް ދޭ އަގަށްވުރެ ފަންސާސް އިންސައްތަ ކުޑަކޮށްކަމަށް ވެމްކޯއިން ބުނެއެވެ. އެގޮތުން އަތޮޅުތަކުގައި މިޚިދުމަތް ދެމުން އަންނަނީ 350 ކިލޯގެ ކުނި އުކާލެދެނީ 125 ރުފިޔާއަށެވެ. 1.5 ޓަނުގެ ކުނި އުކާލާދެނީ 275 ރުފިޔާއެވެ. 
ވެމްކޯއިން ބުނީ އައްޑޫ އާއި ފުވައްމުލައް ސިޓީގެ ޓްރާންސްފަރ ސްޓޭޝަންތަކުން ގޭޓްފީ ނެގުމަށްވެސް ތައްޔާރުވަމުން އަންނަކަމަށެވެ.  
މިމަހުގެ 22ވަނަ ދުވަހު ގޭޓްފީ ނަގަން ފަށަން ނިންމި ނަމަވެސް ވެމްކޯއިންވަނީ އެކަން އަންނަ މަހުގެ އެއްވަނަ ދުވަހަށް ފަސްކޮށްފައެވެ. ވެމްކޯއިން ބުނީ  ގޭޓްފީ ނަގަން ފެށުމާއި އެކު ކެޕްސްގެ ހިދުމަތްވެސް އައްޑޫ އާއި ފުވައްމުލަކު ސިޓީގައި ފަށާނެކަމަށެވެ. ގޭޓްފީ ނެގުމަށް ހަމަޖެހިފައިވަނީ ހަތަރު ފުރޮޅޯލީ ކޮންމެ އުނޅަނދުން ޓަނަކުން ސަތޭކަ ރުފިޔާގެ ރޭޓުންނެވެ. 
ވެމްކޯއިން މިހާރުވެސް ގެންދަނީ މާލޭގައި ކެޕްސްގެ ޚިދުމަތްދިނުމާއި، ގޭޓްފީ ނަގަމުންނެވެ.  ގޭޓްފީގެ ގޮތުގައި ދުއިސައްތަ ރުފިޔާ ގެންދަނީ ނަގަމުންނެވެ. މާލޭގައި ކެޕްސްގެ ހިދުމަތުގެ ދަށުން މާލޭގައި  350 ކިލޯ ކުނި އުކާލަދޭނީ 250 ރުފިޔާ އަށެވެ. އަދި 1.5 ޓަނުގެ ކުނި އުކާލަދެނީ  550 ރުފިޔާއަށެއެވެ.