އެމްއެންޑީއެފުން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ނެރޭ ލަވަ އަލްބަމް "ސިފަކޮއި" ސިލްސިލާގެ ދެވަނަ އަލްބަމް ރަސްމީކޮށް ނެރެފިއެވެ.
މި ލަވަ އަލްބަމް ނެރެފައިވަނީ ދިވެހިބަހުގެ ދުވަހާއި ޤައުމީ ތާރީޚް ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި އަލްބަމް ރަސްމީކޮށް ނެރެދެއްވީ ދިވެހިބަހަށް ޚިދުމަތްކުރައްވާ ބޭފުޅެއްކަމަށްވާ މުސްތަފާ ޙުސެއިންނެވެ.
ސިފަކޮއި ސިލްސިލާއަކީ ދިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު ޢާލާކުރުމުގެ މަޤްޞަދުގައި ރަޢީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފެއްޓެވި "ތަރިކަ" މަޝްރޫޢުގެ މަސްދަރުތައް އަސްލަކަށް ބަލައިގެން ވޭތުވެދިޔަ އަހަރުން ސިފައިންގެ އަހަރީދުވަހު ނެރެންފެށި ސިލްސިލާއެކެވެ.
"ސިފަކޮއި ސިލްސިލާ2" އަމާޒްކޮށްފައިވަނީ އުވި ނެތެމުންދާ ދިވެހި ފްލޯކް ވާހަކަތަކާއި ކެރެކްޓަރތަކުގެ މައްޗަށެވެ. އަދި ދިވެހި ބަހުން އަތާއި ފައިގެ އިންގިލިތަކަށް ކިޔާ ނަންތައް ދަސްކޮސްދިނުމާއި ނިޔަފަތި ކަނޑާ ސާފުތާހިރުކޮށް އުޅުމަށް ކުޑަކުދިން އަހުލުވެރިވާފަދަ މަޢުޟޫތަކަށެވެ. މި ސިލްސިލާގެ ލަވަތަކުގެ އޯޑިއޯ އަދި ވީޑިއޯވެސް ދިވެހި ސަޤާފަތް ދައްކުވާދޭގޮތަށް ފަރުމާކޮށްފައިވާއިރު ވާހަކަދެއްކުމާއި އަޑުއިވުމުން މަހުރޫމްވެފައިވާ ތުއްތުކުދިންނަށްވެސް ލަވަތަކުގައި ކިޔާ ތަކެތި ފަހުމްވާނެގޮތަކަށް ސައިންލޭންގުއޭޖުވެސް ހިމަނައިފައިވެއެވެ.
މި ލވަ ސިލްސިލާގައި ގާތްގަނޑަކަށް 6 ލަވަ ހިމެނޭއިރު މިއީ ޕްރީ ސްކޫލްތަކުގައި ކިޔަވައިދިނުމުގަޔާއި ކުޑަކުދިން ބައިވެރިވާ އެކި އިވެންޓްތަކުގައިވެސް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ލަވަ ސިލްސިލާއެކެވެ.
"ސިފަކޮއެ ފުރަތަމަ ސިލްސިލާގައި ކުދި ދުޢާތައް ދަސްކޮށްދޭ ލަވަތަކާއި ދިވެހިބަހުން ކުލަތަކަށް ކިޔާ ނަންތައް ދަސްކޮށްދޭ ލަވަތަކުގެ އިތުރުން ގެވެށި މާހައުލުގައި ހުރި ނުރައްކާތަކަށް ކުޑަކުދިން އަހުލުވެރިކުރުވާފަދަލަވަތައް ހިމަނާފައިވެއެވެ.