ޚަބަރު

ތޫފާން "ފްލެމްބޮޔަން" ގެ ސަބަބުން ދެކުނުގެ ސަރަޙައްދުތަކަށް އުދަ އަރާނެކަމަށް ލަފާކޮށްފި


އައްޑޫސިޓީގެ އިރުދެކުނުން އުފެދިގައިވާ ތޫފާން "ފްލެމްބޮޔަން" ގެ ސަބަބުން ރާއްޖޭގެދެކުނުގެ ސަރަޙައްދުތަކަށް އުދަ އަރާނެ ކަމަށް މޫސަމާބެހޭ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ އައްޑޫސިޓީގެ އިރު ދެކުނުން 3000 ކިލޯ މީޓަރު ދުރުގައި އުފެދިފައިވާ "ފްލެމްބޮޔަން"ގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާނިބޮޑުވެ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް އޭގެ އަސަރުކުރާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ދެކުނުގެ އެކި ހިސާބަށް އުދަ އަރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުންޏެވެ.

މިރެއާއި މާދަމާ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކޮށްފައިވާގޮތަށް ބަލާއިރު، އުތުރާއި ދެކުނުގެ އިތުރުން މެދު ރާއްޖެތެރެއަށް މިރޭ މެންދަމު ބާރަގަޑި ތިރިސް ހަތަރަކުން ފެށިގެން މާދަމާ ތިންގަޑި އެގާރައިގެ ނިޔަލަށް ދިޔަވަރު ބޮޑުވާނެކަމަށް ލަފާކޮށްފައިވެއެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ވ.އަތޮޅުންފެށިގެން އައްޑޫސިޓީއާ ދެމެދުގެ ސަރަޙައްދުތަކަށް ވިއްސާރަކުރާނެކަމަށާއި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި އެހެން ހިސާބުތަކުގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެކަމަށްވެސް މެޓްއިން ބުނެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެންހިސާބުތަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށާ އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށް އެއިދާރާއިން ލަފާކުރެއެވެ.