ޚަބަރު

މަސައްކަތްތެރިންގެ ޙައްޤުތައް ލިބިގެންނޫނީ ޤައުމުގެ އިޤްތިޞާދު ކުރިއަރައިގެން ނުދާނެ - ސަޢީދު


މަސައްކަތްތެރިންގެ ހައްޤުތައް ލިބިގެންނޫނީ ޤައުމުގެ އިޤްތިޞާދު ކުރިއަރައިގެން ނުދާނެކަމަށް މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ދިވެހި މަސައްކަތްތެރިންދެކެ ލޯބިވާ އަދި އެބޭފުޅުންނަށް އިޚްތިރާމްކޮށް އަގުވަޒަންކުރައްވާ ބޭފުޅަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްކަމަށެވެ. މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ މަސައްކަތްތެރިންގެ ތަސައްވުރަކާއެކު ކަމަށާއި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން މަސައްކަތް ތެރިކަން ކުރިއަރައިގެންގޮސް ބޮލަކަށްޖެހޭ އަދަދު ނުވަހާސް ޑޮލަރަށް އިތުރުވެފައިވާކަމަށެވެ. އަދި ވަޒީފާގެ ބާޒާރަށް އައިސްފައިވާ ތިޔާގިކަމާގުޅިގެން އިންސާނީ ކަރާމާތް އެތައް ގުނައަކަށް އުފުލިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުވެސް އަޖައިބުވި އަޅުގަނޑުމެންގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގެ ބައެއް ވަސީލަތްތައް ފެނިފައި. ހަމަ ހަޤީޤަތުގައި އަޅުގަނޑު އަޖައިބުވި. އަޅުގަނޑު ހިތަށް އެރި މި އޮތް ތިރި ޖަޒީރާ ރަށުގައި އެޅޭ ރަންވޭ އަކާއި މިހިރަ އިމާރާތް ކުރެވޭ ތަންތަނުގެ ފުރިހަމަކަން."

މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މުސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީފައިވާކަމަށާއި
ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ދެން ބޭނުންވަނީ ކުރިއަރާފައިވާ ގައުމުތަކުގައި ހުރި ޚިދުމަތްތައްކަމަށެވެ. ޒަމީރު ވަނީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ބޮލަކަށް ޖެހޭ އާމްދަނީ އިތުރުވެ، ރާއްޖޭގައި ޚިދުމަތް ދޭ ބައިނަލްއަޤުވާމީ ފްރެންޗައިސް ބްރޭންޑްތައް އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

"މީގެ ކުރިން އަޅުގަނޑުމެން ރަށަކަށް ދިޔައީމާ ބުނާނީ ފެނާއި ނަރުދަމާ ވަރަށް ސަކަރާތޭ. ދެން ބަނދަރުގެ ކަންތައްވެސް. އަޅުގަނޑު ނުދަންނަވަން ހުރިހާ ރަށެއްގެ ހުރިހާ ކަމެއް ހަމަޖެހުނިއްޔޭ. ބޮޑެތި އާބާދީ ހުރި ތަންތާނގައި މައިގަނޑު މިކަހަލަ ހުރިހާ ކަންތައްތަކެއް ހަމަޖެހިއްޖެ"

މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.

ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ޤައުމީ ދިދައަށް އިހާނެތިކޮށް ހިތާ ކޮންމެ މީހަކީ ޤައުމަށް ޣައްދާރުވާ މީހެއްކަމަށެވެ. އަދި މިނިސްޓަރ ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ ޑިމޮކްރަސީއެއް ނޫންކަމަށާއި، ދެން ރާއްޖޭގައި ނުލަފާކަމާއި ގޮށްމުށުގެ ބާރުން ވެރިކަމަށް ނާދެވޭނެކަމަށެވެ. އަދި ހަމަނުޖެހުމާއި ނޭއްގާނީ ޢަމަލުތައް ހިންގާ ބަޔަކަށް މި ޤައުމުގައި ޖާގައެއް ނެތްކަން މިނިސްޓަރ އަޒްލީން ފާހަގަކުރެއްވިއެވެ.

"ޕީޕީއެމްގެ ދިދައަކީ ޤައުމީ ދިދަ ދައްކާ މަގުން ކުރިއަށްދާނެ ދިދައެއް. ޤައުމުދެކެ ލޯބިވާ ކޮންމެ ރައްޔިތަކު މިއަދު ވިސްނަންޖެހޭ އެއްކަމަކީ ޤައުމިއްޔަތު އިސްކުރުމުގެ މި މަތިވެރި ޝިއާރު ރައީސް ޤައުމަށްޓަކައި ދައްކަވަމުންދާ މި ދަނޑިވަޅުގައި ޤައުމިއްޔަތު ފުޑާލާ ދިވެހި ދިދައަށް އޮންނަ އިޚްތިރާމް ކުޑަކުރާ ކޮންމެ ރައްޔިތަކީ ޤައުމަށް ޢައްދާރުވާ މީހެއް ނޫނޭ ނުބުނެވޭނެ."

މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

"ރުމާލު2" ޖަގަހައިގައި ބޭއްވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ޕިޕީއެމްއަށް ސަޕޯޓްކުރާ ގިނައަދަދެއްގެ މީހުން ބައިވެރިވެވަޑައިގެންނެވިއެވެ.